ޚަބަރު

ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް އަންނަ މަހުގެ 14 އާ ހަމައަށް ހުއްޓާލަން އަންގައިފި

އައިދާ އަބްދުލް ހަކީމް

ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް އަންނަ މަހުގެ 14 ވަނަ ދުވަހާއި ހަމަ އަށް ނުހެދުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، މިމަހުގެ 19 ވަނަ ދުވަހުގެ މަޣްރިބު ނަމާދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދާއި ތަރާވީހް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމައިފައިވާ ކަމަށެވެ.

އެހެންކަމުން މި ހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި ބަންގީގެ ފަހުގައި "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!" އަރަބި ބަހުންނާއި ދިވެހި ބަހުން ގޮވުމަށް އެ މިނިސްޓްރީން ވަނީ އަންގައިފައެވެ.

އޭގެ އިތުރުން ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި ތަރާވީހް ނަމާދު ކުރުމަށާއި ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރުއާން ކިޔަވައި، ﷲގެ ރަހުމަތުން މާޔޫސް ނުވެ، ސަބަބު ތކުގައި ހިފައި، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް ގިނަގިނައިން ދުއާކޮށް، އިސްތިއުފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް މިނިސްޓްރީގެ ސާކިއުލާގައި ނަސޭހަތްތެރިވެފައި ވެއެވެ.