ޚަބަރު

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރަން ފޮނުއްވި ސިޔާނަތު އާ ބެހޭ ޝަކުވާއެއް އޮތްތޯ ބަލަނީ

އިބްރާހިމް ޒަކީ

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ގދ. ތިނަދޫ ހިރިޔާ ސިޔާނަތު ހާޝިމްއާ ބެހޭ އެއްވެސް ޝަކުވާއެއް އޮތްތޯބެލުމަށް އާއްމުކޮށް ހުޅުވާލައިފިއެވެ.

ރައްތުންގެ މަޖިލީހުގެ އިދާރާއިން ރޭ ކުރި އިއުލާނެއްގައި ބުނީ ސިޔާނަތު އާ ބެހޭ ޝަކުވާއެއް އޮތްނަމަ އަންނަ މެއި މަހުގެ 5 ވާ އަންގާރަ ދުވަހުގެ 11:00 ގެކުރިިން އެ ޝަކުވާ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނާމައި ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަމްބަރު އެނގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މެއިލް އެޑްރެހަށް މެއިލް ކުރުމަށް، ނުވަތަ މަޖިލީހުގެ އިދާރައަށް ލިޔުމަކުން ހުށަހެޅުމަށް އެދޭ ކަމަށެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކުރަން ފޮނުވި ސިޔާނަތު ހާޝިމްގެ ޝަކުވާއެއް އޮތް ނަމަ ހުށަހަޅަން ހުޅުވާލާފައިވާއިރު، އޭނާގެ ނަން ދރާސާކުރުމަށް، ރައްޔިތުންގެ މަޖިލީހުން ވަނީ އެމަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފައެވެ.

އެމަގާމަށް އޭނާ އައްޔަންކުރުމާބެހޭގޮތުން މަޖިލީހަށް ފެންނަ ގޮތެއް ނިންނާމީ ކޮމިޓީން އޭނާގެ ނަން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުންނެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުުގެ 113 ވަނަ މާއްދާގައި ބުނެފައިވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފިޒުކުރާ މިިންވަރު މޮނިޓާ ކުރުމަށްޓަކައި އައްޔަން ކުރެވޭ، މިނިވަން މުސްތަގިއްލު ޗިލްޑްރަންސް އޮމްބަޑްސްޕާސަން އެއް ހުންނަންވާނެ، ކަމަށެވެ.

އެމަގާމަަށް ރައީސުލްޖުމްހޫރިއްޔާ މީހަކު އައްޔަންކުރަން ބޭނުން ކޮންމެ ފަހަރަކު އެއް ނަން ނުވަތަ އެއަށްވުރެ ގިނަ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސް ހުށަހަޅަންވާނެކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ރައީސް މަޖިލީހަށް ހުށަހަޅުއްވާ ނަން، ނުވަތަ ނަންތަކުގެ ތެރެއިން މަޖިލީހުގެ ޖަލްސާއިން ފާސްކުރާ މީހަކު ރައީސުލްޖުމްހޫރިއްޔާ އެމަގާމަށް އައްޔަންކުރަންވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ގާނޫނުގައި ބުނެފައިވަނީ އޮމްބަޑްސްޕާސަންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދިމާވާ ކަންކަމާއި ހިންގާ ތަހުގީގުތަކުގެ ނަތީޖާތަކާ ގުޅޭގޮތުން ޖަވާބުދާރީ ވާނީ މަޖިލީހަށް ކަމަށެވެ.

އޮމްބަޑްސްޕާސަންގެ މަސްއޫލިއްޔަތުގެ ގޮތުގައި ގާނޫނުގައި ހިމަނާފައިވަނީ، ދައުލަތުގެ އިދާރާތަކުން މިގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ މި ގާނޫނު ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުމާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ މުއާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން އަމަލުކުރާ މިންވަރު ދެނެގަނެ އެ މުއާހަދާއާ އެއްގޮތަށް އަމަލު ކުރާކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމެވެ.

މީގެ އިތުރުން ރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓާކޮށް އިވެލުއޭޓްކުރުމާއި، އެފަދަ އިދާރާތަކާއި މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާކުރުން ވެސް އޮމްބަޑްސްޕާސަންގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނެއެވެ.