ޚަބަރު

ވެލްނެސް ސެންޓަރ ބައި ނިޝީގެ ބްރޭންޑް ޗެމްޕިއަނަކަށް އީމާން

މުހައްމަދު އައުޒަމް

ވެލްނެސް ސެންޓަރ ބައި ނިޝީގެ ބްރޭންޑް ޗެމްޕިއަނަކަށް އީމާން ފައިސަލް ހަމަޖައްސައިފިއެވެ.

ވަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން ވެލްނެސް ސެންޓަރ ބައި ނިޝީގެ ޗެއާމަން އަހުމަދު އިރާޝް ވިދާޅުވީ އެ ސެންޓަރުގެ ބްރޭންޑް ޗެމްޕިއަނަކަށް އީމާން ފައިސަލް ހަމަޖައްސާފައިވަނީ ނުކުޅަދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތު ހޯދައިދީނުމުގެ އިތުރުން އެކުދިން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ހިއްވަރު ދިނުމަށާއި ކުރިޔަށް ދާނެ މަގުފަހި ކުރުން ކަމަށެވެ. އަދި އެކުދިންގެ ދިރިއުޅުމުގައި ދިމާވާކަންކަމުގައި އެހީވެ ކުރިއެރުމަށް އެހީތެރިކަން ހޯދުންކަމުގައި ވިދާޅުވިއެވެ.

އިރާޝް ވިދާޅުވީ އީމާން އަކީ ނުކުޅެދުންތެރިކަން ހުރިނަމަވެސް ދިރިއުޅުމުގައި ދިމާވާ ކަންކަމަށް ކެރިގެން ކުރިމަތިލާ ހީވާގި ކުއްޖެއް ކަމަށެވެ. އީމާންގެ ކިބައިގައި ހުރި ކުރެހުމުގެ ހުނަރު ބޭނުންކޮށްގެން އަމިއްލައަށް ކުރަހާ ކުއްޖެއްކަމަށް އިރާޝް ވިދާޅުވިއެވެ. އަދި އީމާން ވަނީ އޭނާގެ ހުނަރުތައް "އީމާންސް ވޯލްޑް އޮފް ވޮންޑާސް"ގެ ނަމުގައި ކުރެހުންތައް ފޭސްބުކް މެދުވެރިކޮށް ގަނެވޭނެ ގޮތް ހަދާފައެވެ.

ވެލްނެސް ސެންޓަރ ބައި ނިޝީގައި ވެސް އީމާންގެ މަސައްކަތް ޑިސްޕްލޭ ކުރެވިފައިވެއެވެ. އަދި ވެލްނެސް ސެންޓަރ މެދުވެރިކޮށް އީމާންގެ ކުރެހުންތަށް ގަނެވޭނެކަމަށް ވެސް އެސެންޓަރުން ބުނެއެވެ.

ވެލްނެސް ސެންޓަރ ބައި ނިޝީ އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް ވެސް ހިދުމަތް ހޯދޭގޮތަށް ޑިޒައިން ކުރެވިފައިވާ ސެންޓަރެކެވެ. މިސެންޓަރު މެދުވެރިކޮށް ސެލޫންގެ އިތުރުން ބިއުޓީ ސާވިސް ހުރިހާ އުމުރެއްގެ ފަރާތްތަކަށް ފޯރުކޮށްދޭނެއެވެ.

ވެލްނެސް ސެންޓަރ ބައި ނިޝީ ހުންނަނީ ހުޅުމާލޭގައެވެ. އެޕޮއިންޓްމެންޓް ހެދުމަށް 9633355 ގުޅުމަށް އެ ސެންޓަރުން އެދެއެވެ.