20 ވަނަ ގައުމީ ކެޑޭޓް ކޭމްޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިކޭމްޕް ނިންމުމުގެ ގޮތުން ގިރިފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު އަލީ އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އާއިޝަތު އަލީ ވިދާޅުވީ މިކޭމްޕްގެ ސަބަބުން ހުރިހާ ބައިވެރިންނަށް އެކުދިންގެ އަމިއްލަ ނަފްސު ބޮޑަށް ދަސްވެ އާ ހުނަރުތަކާ ގާބިލިއްޔަތުތަކެއް ލިބި ނަފްސުގެ އިތުބާރުމަތިވެ ދެމިހުންނާނޭ ގިނަ ރައްޓެހިންތަކެއް ލިބިގެންދިޔަކަށް އުއްމީދުކުރާ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މިޒަމާނަކީ މުޅި ދުނިޔެ ވެސް ހަނގުރާމައެއް ފައްޓަފާނެކަމުގެ ބިރުވެރިކަމެއްގައި ތިބޭ ޒަމާނަކަށްވެފައި އެފަދަ ހާލަތެެއް މެދުވެރި ވެއްޖެނަމަ އެންމެ ހާލުގައި ޖެހޭނީ ރާއްޖެ ފަދަ ގައުމުތަށް ކަމަށެވެ. އަދި މިފަދަ ހާލަތެއް ރާއްޖެއަށް ކުރިމަތިވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ ފުރަތަމަ ނުކުންނަން ޖެހޭނީ ކެޑޭޓުން ކަމަށް ވިދާޅުވިއެވެ.
20 ވަނަ ގައުމީ ކެޑޭޓް ކޭމްޕްގެ ކިޔަވައިދެވުނު މާއްދާތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އަހުމަދު ދާނިޝް ޖިހާދެވެ. މުޅި ކޭމްޕުން އެންމެ މޮޅު އަންހެން ދަރިވަރަކަށް ހޮވިފައިވަނީ އަމިނަތު ޖަދުވާ ހަލީލެވެ. އަދި އެންމެ މޮޅު ފިރިހެން ދަރިވަރަކަށް ހޮވިފައިވަނީ ކޯޕްރަލް އަހުމަދު ޒަޔާންއެވެ.
މި ކޭމްޕްގެ އެންމެ މޮޅު ޕްލަޓޫނަކަށް ހޮވިފައި ވަނީ ޗާލީ ޕްލަޓޫން އެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓްކޯ ގުޅިގެން ގިރިފުށި ޓްރޭނިންގ ސެންޓަރުގައި ނޮވެމްބަރ 27 އިން މިމަހުގެ 8 ދުވަހާއި ދެމެދު ބޭއްވި 20 ވަނަ ގައުމީ ކެޑޭޓް ކޭމްޕްގައި 120 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.