ޚަބަރު

އެޗްޕީއޭއިން ކޮންޓެކްޓް ޓްރޭސިން އެޕްލިކޭޝަނެއް ތައާރަފުކޮށްފި

އަލީ ޔާމިން

ކޮވިޑް 19 ފެތުރުން ހުއްޓުވުމަށާއި، މުޖުތަމައު ކޮވިޑުން ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮންޓެކްޓް ޓްރޭސިން އެޕްލިކޭޝަނެއް ތައާރަފުކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ "ޓްރޭސްއެކީ"ގެ ނަމުގައި ތައާރަފުކުރެވުނު މި އެޕްލިކޭޝަނަކީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި އެމީހުންނާ އެއްތަންވެފައިވާ މީހުން ދުރާލާ ދެނެގަތުމަށް ހަދާފައިވާ އެޕްލޭޝަނެއް ކަމަށެވެ.

ޓްރޭސްއެކީއިން ބްލޫޓޫރު މެދުވެރިކޮށް ޓްރޭސްއެކީ ބޭނުންކުރާ އެހެން މީހުންނާ ދިމާވެފައިވާނަމަ އެ މައުލޫމާތު ފޯނުގައި ރައްކާކުރާނެއެވެ. އަދި އެމީހެއް ބައްޔަށް ޕޮޒިޓިވްވެއްޖެ ހާލަތެއްގައި އެޗްޕީއޭއަށް މި މައުލޫމާތު ހުށަހެޅުމުން، އެމީހަކާއި ގާތުން އެއްތަންވެފައިވާ މީހުންގެ ފޯނު ނަންބަރުތައް ކޮންޓެކްޓް ޓްރޭސިންގައި ބޭނުންކުރުމަށް އެޗްޕީއޭއަށް ލިބޭނެއެވެ.

އެޗްޕީއޭއިން ބުނީ މި އެޕްލިކޭޝަން ގޫގުލް ޕްލޭސްޓޯރުން ލިބޭނެ ކަމަށާއި ވަރަށް އަވަހަށް އެ އެޕްލިކޭޝަންގެ އައިއޯއެސް ވާޝަން ވެސް ތައާރަފުކުރާނެ ކަމަށެވެ.

މީގެ ކުރިން އެޗްޕީއޭއިން ވަނީ ކޮވިޑާ ގުޅުންހުރި މައުލޫމާތުތައް ފޯރުކޮށްދިނުމަށް ވައިބާ ބޮޓެއްވެސް ތައާރަފުކޮށްފައެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައިވެސް އަންނަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަސޭހަކުރުމުގެ ގޮތުން ކޮންޓެކްޓް ޓްރޭސިން އެޕްލިކޭޝަންތައް ބޭނުންކުރަމުންނެވެ.