އިބްރާހިމް ޒަކީ
ކޮވިޑް 19ގެ ހާލަތު ރާއްޖޭގައި އިތުރަށް ގޯސްވެދާނެތީ ގެންނަން ނިންމާފައިވާ 200 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކޮށްފައިވަނީ، ބިޑް ކުރުމެއް ނެތި ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ ދަށުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ވެންޓިލޭޓަރުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް މިނިސްޓަރާ ކުރައްވަން ހުށަހެޅުއްވި ސުވާލުތަކަށް، ހެލްތު މިނިސްޓަރު މެއިލް މެދުވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޖަވާބުގައެވެ.
ޖަވާބުގައި މިނިސްޓަރު ވިދާޅުވެފައިވަނީ ގޮތުގައި، 200 ވެންޓިލޭޓަރު ގެނައުމަށް ޕޮލިސީ ކޮމިޓީން ނިންމީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.
އެ ނިންމުމާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތް ފަށައި ގުޅުންހުރި މައުލޫމާތުތައް އެއްކޮށް ސްޕެސިފިކޭޝަން ތައްޔާރުކޮށް މިދިޔަ މަހުގެ 18ގައި ވެންޓިލޭޓަރު ހޯދުމަށް ދިވެހި ތިން ކުންފުންޏަކުން އީމެއިލް މެދުވެރިކޮށް ކޯޓޭޝަން ހޯދިކަމަށް ވިދާޅުވެފައިވެއެވެ.
އެކުންފުނިތަކަކީ "ވޭތުވެދިޔަ ތަނުގައި މިނިސްޓްރީއަށް މެޑިކަލް އިންސްޓްރޫމަންޓް އަދި މެޝިނަރީސް ސަޕްލައިކޮށްދެމުން އަންނަ، މިނިސްޓްރީއަށް އިތުބާރު ހިފޭ ކުންފުނިތަކުގެ ތެރެއިން ތިން ކުންފުނި،" ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެގޮތުން އެސްޓީއޯ މެޑްޓެކް އާއި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ނާޑް ޕްރައިވެޓް ލިމިޓެޑް، މި ކުންފުނިތަކުން ފޮނުވި ކޯޓޭޝަންތަކާއި ސްޕެސިފިކޭޝަންތައް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ބެލުމަށްފަހު އެއީ ރަނގަޅު ތަކެތިކަމަށް ފެންނާތީ، އެތަކެތި ގެނައުމަށް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ނާޑް ޕްރައިވެޓް ލިމިޓެޑާ މިދިޔަ މަހުގެ 19ގައި ހަވާލުކުރި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ ކުންފުނިތަކުން ކަނޑައެޅި މުހުލަތުގައި އެތަކެތި ރާއްޖެ ގެނައުމަށް ބޮޑެތި ދަތިތަކެއް ހުރިކަން މިނިސްޓްރީއަށް ވަނީ އަންގައިފައެވެ.
އެއީ މިހާރު ދުނިޔޭގައި މިއޮތް ހާލަތާ ގުޅިގެން ގައުމުތައް ލޮކްޑައުން ވުމާއި، ބޮޑެތި ގައުމުތަކަށް ވެންޓިލޭޓަރު ބޭނުންވެފައިވުމާއި، އެތަކެތި އުފައްދާ ކުންފުނިތަކަށް ތަކެތި އުފެއްދުމަށް ދަތިތަކާ ކުރިމަތިވެގެން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އެ ދެކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުތައް ލަސްވާނެތީ، އިތުރަށް ހޯދަންޖެހޭ 75 ވެންޓިލޭޓަރު ހޯދުމަށް ރާއްްޖޭގެ ޑަބްލިޔުއެޗްއޯ ކަންޓްރީ އޮފީހާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީސް މެދުވެރުކޮށް އަގުބަލައި ޑުބާއީ ކުންފުންނަކާ ހަވާލު ކުރި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"ލަސްވާނެކަމަށް ގަބޫލު ކުރެވޭތީ، އިތުރަށް ހޯދަންޖެހޭ ވެންޓިލޭޓަރުތަކުގެ ތެރެއިން 75 ވެންޓިލޭޓަރު ހޯދުމަށް ދިވެހި ރާއްްޖޭގެ ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީސް އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޑަބްލިއުއެޗްއޯ ކަންޓްރީ އޮފީސް މެދުވެރުކޮށް ވެންޓިލޭޓަރުތަުގެ އަގު ބެލުމަށްފަހު ޑުބާއީ ކުންފުންޏެއް ކަމަށްވާ އެކްސެކިއުޓާ ޖެނެރަލް ޓްރޭޑިން އިން އަގު ހޯދައި ސިންގަލް ސޯސް ޕްރޮކިއުމެންޓްގެ ތެރެއިން 2 އޭޕްރީލްގައި ވަނީ ހަވާލުކޮށްފަ،" މިނިސްޓަރު ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވެއެވެ.
ވެންޓިލޭތަރުތައް ސަޕްލައިކޮށްދެވޭނެ ކަމަށް ކުންފުނިތަކުން ދީފައިވާ އެންމެ ފަހުގެ މައުލޫމާތުގައިވާގޮތުން، މެޑްޓެކް މޯލްޑިވްސްއާ ހަވާލުކޮށްފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިިން " 18 ވެންޓިލޭޓާރު 1 މެއި ގައި ރާއްޖެ އަންނާނެކަމަށް ވަނީ އަންގައިފަ. އަދި އެކުންފުންނާ ހަވާލުކޮށްފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން 10 ވެންޓިލޭޓަރު 15 މެއިގައި ރާއްޖެ ގެނެވޭނެ ކަމަށް ވަނީ އަންގައިފަ. އަދި އެކުންފުންޏާ ހަވާލުކޮށްފައިވާ ބާކީހުރި ވެންޓިލޭޓަރުތައް ގެނެވޭނެދުވަސް ކަށަވަރުވުމުން މިނިސްޓްރީއާ ހިއްސާކުރާނެކަމަށް ވަނީ އަންގައިފަ،" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ނާޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ 20 ވެންޓިލޭޓަރު އެ އުފައްދާ ކުންފުނީގެ ފަރާތުން އުފެއްދުން ލަސްވެފައިވުމުން އިތުރު ގޮތްތަކެއް ހޯދަމުން އަންނަ ކަމަށް މިމަހުގެ 22 ގައި އަންގާފައިވާ ކަމަށްވެސް ވިދާޅުވިވެފައިވެއެވެ. އަދި އެކްސެކިއުޓާ ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ތެެރެއިން 10 ވެންޓިލޭޓަރު އަންނަ މަހުގެ އެކެއްގައި އަންނާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.