ފަގީރުންގެ ގޮތުގައި މުޅި ރާއްޖޭގައި 8700 ވުރެ ގިނަ މީހުން މިއަހަރު ރަޖިސްޓްރީވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
"ވަން"އަށް މައުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ މުޅި ރާއްޖޭގައި ފަގީރުންގެ ގޮތުގައި 8764 މީހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ. މާލޭގައި ފަގީރުންގެ ގޮތުގައި 1717 މީހަކު ރަޖިސްޓްރީ ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ ފިތުރު ޒަކާތް ބެހުމުގެ ކަންކަން ކުރިއަށް ގެންދިޔަ ލިސްޓު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެތެރޭގައި މުރާޖާކޮށްފައިވާކަމަށެވެ. އެގޮތުން އަލަށް ނޯޓުކުރަން ބޭނުންވާ މީހުންނަށް އެފުރުސަތު ދީފައިވާއިރު ފަގީރުންގެ ލިސްޓުން އުނިކުރަން ބޭނުންވާ މީހުންގެ ނަން އުނިކޮށް އާލިސްޓެއް އެކުލަވާލާފައިވާ ކަމަށެވެ.
ކޮވިޑް 19 އާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަހަރުގެ ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށްގެންދަނީ އޮންލައިންކޮށެވެ. އަދި ކޮވިޑުގެ ސަބަބުން ލޮކްޑައުންގެ ހާލަތުގައި ޒަކާތް ބެހުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެމިނިސްޓްރީން ހަމަޖައްސާފައިވަނީ މިނިސްޓްރީއަށް ދީފައިވާ ބޭންކް އެކައުންޓްތަކަށް ޖަމާކޮށްގެން ކަމަށް އެމިނިސްޓްރީން ބުންޏެވެ.
މިއަހަރު ފިތުރު ޒަކާތް ދެއްކުމުގެ ކަންކަން ހަމަޖައްސާފައިވަނީ ދިރާގު ޕޭ އެންޑް ލައިފްސްޓައިލް އެޕްލިކޭޝަނާއި އެސްއެމްއެސް އާއި އުރީދޫ އެމްފައިސާއާއި އެސްއެމްއެސް މެދުވެރިކޮށެވެ. އެމްއައިބީ ފައިސާ ނެޓާއި އެބޭންކްގެ މޯބައިލް ބޭންކިން މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ ގޮތް ވަނީ ހަމަޖައްސައިދީފައެވެ. އަދި ބީއެމްއެލްގެ ވެބްސައިޓް މެދުވެރިކޮށްވެސް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.