ގދ. ތިނަދޫން ހައްޔަރުކުރި މުހައްމަދު ރުސްތުމް މުޖުތަބާގެ މައްޗަށް އަދުލުއިންސާފު ގާއިމްކުރަން ހުރަސްއެޅުމު
ގެ ދައުވާކޮށް، ކުރިމިނަލް ކޯޓަށް މައްސަލަ ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.
މިދިޔަ މަހުގެ ތެރޭގައި މާލެއިން ރުސްތުމް ހައްޔަރުކުރީ އިސްލާމް ދީނަށް ފާޑުކިޔައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް މަސައްކަތްކޮށް މުޖުތަމައުގެ ސުލްހަ މަސަލަސްކަން ނަގައިލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.
ނަމަވެސް ޕީޖީ އޮފީހުގެ މީޑިއާ އޮފިސަރު އަހުމަދު ޝަފީއު "ވަން" އަށް ވިދާޅުވީ، ރުސްތުމްގެ މައްޗަށް އަދުލު އިންސާފު ގާއިމްކުރަން ހުރަސްއެޅުމުގެ ދައުވާކުރަން މިމަހުގެ 13 ވަނަ ދުވަހު ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
ރުސްތުމް ފުރަތަމަ ހައްޔަރުކުރީ ފާޅުގައި މީސް މީޑިއާގައި އިސްލާމްދީނާއި ދެކޮޅަށް އަޑު އުފުލައި، ލާދީނީ ބޮޑެތި ޖަލްސާ ބާއްވާނެ ކަމަށް ބުނުމުން، ތިނަދޫ ޒުވާނުން އޭނާ އާއި ދެކޮޅަށް ނުކުތުމުންނެވެ. ނަމަވެސް ގާނޫނީ ސަބަބުތަކެއް މެދުވެރިވެގެން އޭނާ އެފަހަރު ދޫކޮށްލިއެވެ.
އޭނާ ދެވަނަ ފަހަރަށް ހައްޔަރުކުރީ ފުލުހުންގެ ބަންދުން ދޫކޮށްލުމާއެކު އިސްލާމްދީނަށް އަނެއްކާވެސް ފުރައްސާރަ ކުރަން ފެށުމުންނެވެ. މިދިޔަ މަހުގެ 15 ވަނަ ދުވަހު އޭނާ ހައްޔަރުކުރީ މާލެއިންނެވެ.