ޚަބަރު

ތިނަދޫގައި މަރުވި މީހާ ވަޅުލީ ނުހިނަވައި، ބަދަލުގައި ކުރީ ތަޔައްމަމު

އަލީ ޔާމިން

ގއ. ތިނަދޫގައި ހުންނަ ޑރ އަބްދު ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އިއްޔެރޭ މަރުވި މީހާ ކޮވިޑަށް ޓެސްޓް ކުރި ކަމަށާއި، އޭނާ ވަޅުލާފައިވަނީ ހިނެވުމުގެ ބަދަލުގައި ތަޔައްމަމު ކުރުމަށް ފަހުގައި ކަމަށް ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެމީހާ ވަޅުލާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. "ވަން" އަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ، ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލުން ވަނީ ހިނެވުމުގައި ހަރަކާތްތެރިވާ ޖަމާއަތްތެރިންގެ ޓީމަށް އާދައިގެ ހިނެވުމަކުން އެމީހާ ހިނެވިޔަސް އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމަށް އަންގާފައެވެ.

މީގެ އިތުރުން ހޮސްޕިޓަލުގެ އެސްއޯޕީގައިވާ ގޮތުގެ މަތީން ޖަމާއަތްތެރީންނަށް ޕީޕީއީ ކިޓް ފޯރުކޮށްދީފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް ޖަމާއަތްތެރިންގެ ޓީމުން ނިންމީ ހިނެވުމުގެ ބަަދަލުގައި ތަޔައްމަމު ކުރުމަށް ކަމަށާއި، އެހެންކަމުން އެގޮތުގެ މަތީން އޭނާ ވަޅުލުމުގެ ކުރިން ތަޔައްމަމުކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ނިޔާވި މީހާ ކޮވިޑަށް ޕޮޒިޓިވް ކަމެެއް ނުވަތަ ނެގެޓިވް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ. އޭނާ އަކީ ނޭވާލާ ނިޒާމުގެ ބަލި ހުރި މީހެއް ކަމަށް ވެސް މަބްރޫކް ވިދާޅުވެފައި ވެއެވެ.