އަލީ ޔާމިން
ހާލުގައި ޖެހިފައިވާ 500 މީހުންނަށް އެހީވުމަށް ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް(މަޓާޓޯ)އާ ގުޅިގެން ކޮކާކޯލާއިން ނަމޫނާ ދައްކައިފިއެވެ.
ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހަރަކާތް އިއްޔެ ފަށާފައިވާއިރު، އިއްޔެ އެކަނިވެސް 5،000 އާ ގާތްކުރާ އަދަދަކަށް އެކި ފަރާތްތަކަށް ވަނީ މީލް ޕެކޭޖު ފޯރުކޮށްދީފައެވެ.
"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދު ވިދާޅުވީ މި މަސައްކަތަކީ މަޓާޓޯ އާއި ބޯޓިން އެސޯސިއޭޝަނުން ގުޅިގެން ކުރާ މަސައްކަތެއް ކަމަށެވެ. އަދި މިކަމުގައި ކޮކާކޯލާ ކުންފުނީގެ އިތުރުން ސަލްސާ ރޯޔަލުން އެހީތެރިވާ ކަމަށް ސުއޫދު ވިދާޅުވިއެވެ.
އެގޮތުން ހާލުގައި ޖެހުމުގެ ސަބަބުން ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިން ބިދޭސީންނާއި ދިވެހިންގެ އިތުރުން ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން 500 މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ، އިއްޔެ 5000 އާ ގާތްކުރާ އަދަދަކަށް މީލް ޕެކޭޖު އެކި ފަރާތްތަކަށް ފޯރުކޮށްދެވިފައިވާއިރު، އަމާޒަކީ މަހެއްހާ ދުވަސްތެރޭގައި 30،000 އެއްހާ މީލް ޕެކޭޖު އެކި ފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށެވެ.
ސުއޫދު ވިދާޅުވީ މި މަސައްކަތަކީ ވަކި ރޯދަމަހަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ނޫން ކަމަށެވެ. އަދި މި މަސައްކަތް ފެށުމަށް މަސައްކަތް ކުރާތާ ހަފުތާއެއް ވެފައިވާކަމަށާއި މަސައްކަތް ލަސްވީ މަސައްކަތަށް ބޭނުންވާ ތަކެތި ނުލިބުމުގެ ސަބަބުން ކަމަށެވެ.
އެގޮތުން އެހީތެރިކަން ބޭނުންވާ މީހުންނަށް ބޭނުންވާ ކާއެއްޗެހި ފޯރުކޮށްދިނުމަށް އެމީހުންނަށް ކައްކައިދިނުމުގެ މަސައްކަތް ކުރަނީ ސަލްސާ ރޯޔަލުން ކަމަށް ސުއޫދު ވިދާޅުވިއެވެ. ހުޅުމާލޭގައިވެސް ކެއްކުމުގެ ކަންކަން ކުރުމަށް ސެޓަޕެއް ހަމަޖައްސާފައިވާކަން ސުއޫދު ފާހަގަ ކުރެއްވިއެވެ. އަދި ކޮކާކޯލާ ކުންފުނިން މި ހުރިހާ ކަމެއް ކުރުމުގައި ވެދޭ އެހީތެރިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސުއޫދު ވިދާޅުވީ އުއްމީދަކީ މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުން ކަމަށާއި އެގޮތުން އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކަށް އެ ދޮރު ހުޅުވިފައިވާ ކަމަށެވެ.
ކޮވިޑް 19ގެ ސަބަބުން ދިމާވެފައިވާ އިގުތިސާދީ ހީނަރުކަމުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. އަދި އެތައް މީހުންނެއްގެ މުސާރަ ކުޑަވެ، ކުލި ދައްކައިގެން ނޫޅެވޭ ވަރު ވަނީ ވެފައެވެ. މިދުވަސްވަރު ކުލި ނުދެއްކުމުގެ ސަބަބުން މާލޭގެ ބައެއް ގޭގެއިން މީހުން ނެރުމުގެ ސަބަބުން އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.