އަލީ ޔާމިން
އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ 400 މިލިއަން ޑޮލަރުގެ 'ކަރަންސީ ސްވޯޕް'ގެ މުއްދަތު އިތުރުކުރުމަށް އެ ގައުމުން މަޝްވަރާކުރަން ފަށައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް ދިމާވެދާނެ މާލީ އަދި އިގްތިސޯދީ ގެއްލުންތަކުން ސަލާމަތްވުމަށް އެހީއެއްގެ ގޮތުން އިންޑިއާއިން ވަނީ ދެ ގައުމުގެ ދެމެދުގައިވާ 'ކަރަންސީ ސްވޯޕް' ނުވަތަ ފައިސާ ބަދަލުކުރުމުގެ އެއްބަސްވުން އެކްޓިވޭޓް ކޮށްފައި ކަމަށާއި، އެގޮތުން 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ސޮއިކުރި 400 މިލިއަން އެމެރިކާ ޑޮލަރުގެ 'ކަރަންސީ ސްވޯޕް' އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރުގެ ބޭރު ފައިސާގެ ސްވޯޕް ފެސިލިޓީއެއް ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭއާ ހަވާލު ކުރެވޭނެ ކަމަށެވެ.
"ވަން އޮންލައިން"އަށް އެނގިފައިވާ ގޮތުގައި މި ފައިސާ މިހާރު ވަނީ ރާއްޖޭގެ މަރުކަޒީ ބޭންކަށް ލިބިފަ އެވެ.
އިންޑިއާ ހައިކޮމިޝަނުން އިއްޔެ ކުރި ޓުވީޓެއްގައި ބުނީ މި ފައިސާ ބޭނުންކުރާނީ ކޮވިޑާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އަރައިގަތުމަށް ކަމަށެވެ.
ކަރަންސީ ސްވޯޕް އެއްބަސްވުމުގެ ދަށުން ވިޔަފާރީގެ މުއާމަލާތްތައް ހިންގާއިރު، އިންޑިއާއާ އެކު ކުރާ ވިޔަފާރީގެ މުއާމަލާތްތަކަށް މިހާލަތުގައި ސީދާ ޑޮލަރުން ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ. މި މުއާމަލާތް ހިންގާނީ ދެގައުމުގެ މަރުކަޒީ ބޭންކު މެދުވެރިވެގެންނެވެ. ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ހުއްޓި، ބޭރު ފައިސާ ވަންނަ މަގު ބަންދުވެފައިވާ އިރު، މި އިންތިޒާމުގެ ސަބަބުން ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި ރާއްޖެއަށް ގެނައުމަށް ބޮޑު ލުޔަކަށް ވެގެން ދާނެ އެވެ.
400 މިލިއަން ޑޮލަރުގެ މި ސްވޯޕް އެއްބަސްވުމަކީ 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި 1.4 ބިލިއަން ޑޮލަރުގެ އިގްތިސޯދީ ޕެކޭޖުގެ ބައެއް ކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން ބުނެއެވެ. މި 1.4 ބިލިއަން ޑޮލަރުގެ އިގްތިސޯދީ އެހީތެރިކަމުގެ ޕެކޭޖުގެ ދަށުން ލިއްބައިދޭ އެހީތަކުގެ ތެރޭގައި ހިމެނޭ ބައިތައް:
ސީދާ ބަޖެޓް ސަޕޯޓްގެ ގޮތުގައި 50 މިލިއަން ޑޮލަރުގެ އެހީއެއް 2019 ވަނަ އަހަރު ފޯރުކޮށްދިނުން
ސްޓޭޓް ބޭންކް އޮފް އިންޑިއާއިން އެމްއެމްއޭއަށް 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑްގެ ސަބްސްކްރިޕްޝަން 2019 ވަނަ އަހަރު ފޯރުކޮށްދިނުން
ދިވެހި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތައް ފަންޑުކުރުމަށްޓަކައި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ދޫކުރެވުން
ހައިކޮމިޝަނުން ބުނީ 1.4 ބިލިއަން ޑޮލަރުގެ އިގްތިސޯދީ ޕެކޭޖުގެ އިތުރުންވެސް އިންޑިއާއިން އަންނަނީ ރާއްޖޭގެ އެކި ރަށްތަކުގައި ގްރާންޓް ސްކީމްތަކާއި، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމްގެ ދަށުން 12.6 މިލިއަން ޑޮލަރުގެ އިޖުތިމާއީ އަދި އިގުތިސޯދީ އެކި މަޝްރޫއުތައް ހިންގަމުން ކަމަށެވެ.
މީގެ އިތުރުން، ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާއިރު، އިންޑިއާ ސަރުކާރުން އަންނަނީ ދިވެހިރާއްޖެއަށް ދޫކޮށްފައިވާ ކަރަންސީ ސްވޯޕް ފެސިލިޓީގެ މުއްދަތު އަދި އެއް އަހަރަށް އިތުރުކުރުމާމެދު މަޝްވަރާކުރަމުން ކަމުގައިވެސް ހައިކޮމިޝަނުން ބުނެފައި ވެއެވެ.
ސާކު ގައުމުތަކުގެ ތެރެއިން އިންޑިއާއިން 400 މިލިއަން ޑޮލަރުގެ ސްވޯޕް ފެސިލިޓީއެއް ދޫކޮށްފައިވަނީ ހަމައެކަނި ދިވެހިރާއްޖެއަށާއި ބޫޓާނަށް ކަމަށް ވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.