ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ސާކުގެ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެއްބާރުލުން ދޭނަން: ރައީސް

ސާކުގެ މެންބަރު ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިރާއްޖެއިން އަބަދުވެސް ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެހެން ވިދާޅުވެފައިވަނީ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސެލެންސީ މިސްޓަރ އަމްޖަދް ބީ ސިއާލްއަށް ފޮނުއްވި ސިޓީފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި 1985 ވަނަ އަހަރު ސާކް އުފެދި ހަރަކާތްތެރިވާން ފެށިފަހުން މި ސަރަހައްދުގެ ގައުމުތަކުގައި ތަފާތު އެކި ދާއިރާތަކުން، ހާއްސަކޮށް އިޖްތިމާއީ އަދި އިގުތިސާދީ ރޮނގުން ގައުމުތަކަށް ކުރިއެރުން ހޯދައިދިނުމުގައި އެޖަމިއްޔާއިން ވަރަށް މުހިންމު ރޯލެއް އަދާކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި އެއްގައުމު އަނެއް ގައުމާ ގުޅުން ބަދަހިކުރުމުގައިވެސް ސާކުން އިސް ރޯލެއް އަދާކުރަމުން އަންނަކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ.

މިއަދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި މި ސަރަހައްދުގައި ސުލްހަ ގާއިމުކޮށް އިޖްތިމާއީ އަދި އިގުތިސާދީ ހަމަޖެހުން ގާއިމްކުރުމަށް ދިވެހިރާއްޖެ އަބަދުވެސް އެއްބާރުލުން ދެއްވާނެކަން ހާމަކުރައްވާފައިވެއެވެ.

އަދި، ގައުމުތަކުގެ ތަފާތު އެއްކައިރިކޮށް މި ސަރަޙައްދުގައި ދިރިއުޅޭ މީހުންގެ ލާބަ އާއި މަންފާއަށް އެންމެން އެކުގައި މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރައްވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވިއެވެ.

އެމަނިކުފާނުގެ ސިޓީފުޅުގައި ދެކުނު އޭޝިޔާއަކީ މުއްސަނދި ސަގާފަތެއް ހިމެނޭ ސަރަޙައްދެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެކި ގައުމުތައް ތަފާތުވީ ނަމަވެސް ހުރިހާ ގައުމެއްވެސް އެއްގަލަކަށް އަރައިގެން މަސައްކަތް ފެށީ އޭޝިޔާ ބައްރަކީ ސުލްހަވެރި ތަނަވަސް ސަރަހައްދަކަށް ހެދުމަށް ކުރާ އުއްމީދުގެ ސަބަބުން ކަމަށެވެ.

ސާކް އުފެދުނުތާ 34 ވަނަ އަހަރު މިއަދު ފާހަގަކުރަމުން އަންނަ އިރު ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސާކް ސެކްރެޓަރީ ޖެނެރަލަށާއި ސާކް ގެ މެންބަރު ގައުމުތަކާއި ސާކްގެ މުވައްޒަފުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.