ޚަބަރު

ގާނޫނު އަސާސީއާ ހިލާފުވެއްޖެ ކަމަށް މަޖިލީހުގެ ރައީސް ކަނޑައަޅުއްވާފައި ވަނިކޮށް އަމީން ޖަވާބު ފޮނުއްވައިފި

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވައިދާ ހިލާފުވެއްޖެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަނޑައަޅުއްވާފައިވަނިކޮށް މިނިސްޓަރު އަމީން މަޖިލީހަށް ޖަވާބު ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ މިހާރު މިނިސްޓަރު އަމީންގެ ޖަވާބު އީމެއިލް މެދުވެރިކޮށް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.

އީމެއިލް މެދުވެރިކޮށް މިނިސްޓަރު އަމީންގެ ޖަވާބު ލިބިފައިވަނީ އިރުއޮއްސި 6:31ގައި ކަމަށާއި މިނިސްޓަރު އަމީން ގާނޫނު އަސާސީއާއި މަޖިލީހުގެ ގަވައިދާ ހިލާފުވެފައިވާ ކަމަށް މަޖިލީހުގެ ރައީސް ކަނޑައެޅިކަން އަންގައި އެ އިދާރާ އިން ނޫސްބަޔާން ނެރެފައިވަނީ އިރުއޮއްސި 6:12ގައި ކަމަށް މަޖިލީހުން ބުނެއެވެ.

މީގެ ކުރިން މަޖިލީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ އަށްވަނަ މާއްދާއާއި، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 80 ވަނަ މާއްދާގެ ދަށުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް، ހެލްތު މިނިސްޓަރު އަބްދުالله އަމީންގެ އަރިހުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސުވާލު ނޯޓިސްއަށް ޖަވާބު ފޮނުއްވާފައިނުވާތީ މިނިސްޓަރު އަމީން ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ.

މެންބަރު ހައިތަމް މިނިސްޓަރު އަމީންގެ އަރިހުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ސުވާލު ނޯޓިސް 14 އޭޕްރިން 2020 ވަނަ ދުވަހު މިނިސްޓަރު އަމީނަށް ފޮނުވާފައިވާ ކަމަށް ބަޔާނުގައިވެއެވެ. އަދި އެ ނޯޓިސްގެ މުއްދަތު އިއްޔެއަށް ހަމަވެފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

"މި ދެންނެވި ސުވާލު ނޯޓިސްއަށް ޖަވާބުދެއްވުމަށް މިނިސްޓާ އޮފް ހެލްތު އަބްދުﷲ އަމީންއަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 74 ވަނަ މާއްދާގެ ދަށުން އެރުވުނު 14 ދުވަހުގެ ނޯޓިހުގެ މުއްދަތު 27 އޭޕްރިލް 2020 ގެ ނިޔަލަށް ހަމަވެ، ޖަވާބުދެއްވުމަށް މިއަދު 14:00 ގެ ނިޔަލަށް އެމަނިކުފާނަށް އެރުވިފައިވާ މުއްދަތު ހަމަވިއިރުވެސް ޖަވާބު ފޮނުވާފައި ނުވާތީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ މިނިސްޓާ އޮފް ހެލްތު، އަބްދުﷲ އަމީން ހިލާފުވެވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެކިވަޑައިގަންނަވައެވެ." ބަޔާނުގައިވެއެވެ.

މިނިސްޓަރު އަމީންއާ ކުރައްވަން ހައިތަމް ހުށަހެޅުއްވި ސުވާލުތައް:

  • ދިވެހިރާއްޖެއަށް ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭތޯ؟
  • ވެންޓިލޭޓަރުތައް ގެނައުމަށް ކުރިއަށްގެންދެވާ ޕްރޮސެސްއަކީ ކޮބައިތޯ؟
  • މިހާރު އެކަން ވަކި ގޮތަކަށް ނިންމާފައިވާނަމަ އެކަން ކުރިއަށްގެންދެވީ ކޮން ޕްރޮސެސްއެއްގެ ދަށުންތޯ؟
  • ބިޑްކުރެވިގެންތޯ ކުރިއަށްގެންދެވީ؟
  • ބިޑްކުރެވިގެން ކުރިއަށްގެންދެވިފައިވާނަމަ އެ ބިޑަށް ކިތައް ފަރާތް ކުރިމަތިލެއްވިތޯ؟
  • ބިޑްކުރެވިގެން ކުރިއަށްގެންދެވިފައިވާނަމަ އެ ބިޑް ކާމިޔާބުކުރެއްވީ ކޮން ފަރާތަކުންތޯ؟
  • ޑެލިވަރީ މުއްދަތަކީ ކޮބައިތޯ؟
  • ވެންޓިލޭޓަރުތައް ރާއްޖެއަށް ލިބިފައިނުވަނީ ކީއްވެތޯ؟
  • ވެންޓިލޭޓަރުތައް ރާއްޖެއަށް ލިބޭވަރު ވާނީ ކިހާތާކުތޯ؟
  • މިކަމާ ގުޅޭ އެންމެ ފަހުގެ ހަބަރަކީ ކޮބައިތޯ؟