ޚަބަރު

އައިއެމްއެފުން ރާއްޖެއަށް ދޭން ނިންމި 28.9 މިލިއަން ޑޮލަރު ޖަމާކޮށްދީފި

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ރާއްޖެއަށް ދޭން ނިންމި 28.9 މިލިއަން ޑޮލަރު ޖަމާކޮށްދީފިއެވެ.

ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ މި ހާލަތުގައި ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން ދޭ 28.9 މިލިއަން ޑޮލަރަކީ އައިއެމްއެފްގެ ރެޕިޑް ކްރެޑިޓް ފެސިލިޓީ (އާރުއެފްސީ) އިން ދިނުމަށް ނިންމާފައިވާ ފައިސާގެ އެހީއެކެވެ.

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ އައިއެމްއެފްގެ 28.9 މިލިއަން ޑޮލަރު ޖަމާކޮށްދީފައިވާ ކަމަށާއި އެ އެހީއާއެކު އެކްސްޗޭންޖް ރޭޓު ދެމެހެއްޓުމަށް ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދެމުން އަންނަ ބޭރު ފައިސާގެ އަދަދު އިތުރުކުރެވޭނެ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި އިމްޕޯޓު ކުރުމަށާއި، ކޮވިޑް 19އާ ގުޅިގެން ސިއްހީ ދާއިރާއަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް އެމްއެމްއޭ އިން ބުނެއެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދީ ހާލަތަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި އެ ވަގުތަކު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނާނެ ކަމަށާއި ރާއްޖޭގެ އަދި ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް އެމްއެމްއޭ އިން މައުލޫމާތުދެއެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 741.4 މިލިއަން ޑޮލަރެވެ. އެހެންނަމަވެސް މިމަހުގެ 27ގެ ނިޔަލަށް ރަސްމީ ރިޒާވް 882.6 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.