ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިގްތިސޯދީ ހީނަރުކަމުން އަރައިގަތުމަށް ޔޫކޭގެ އެހީ ލިބޭނެކަމުގެ ޔަގީންކަން އެބަ އޮތް: ރައީސް

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް އަންނަ އިގްތިސޯދީ ހީނަރުކަމުން އަރައިގަތުމަށް އިނގިރޭސި ވިލާތުގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ އިނގިރޭސި ވިލާތުގެ ފަސްޓް ސެކްރެޓަރީ ޑޮމިނިކް ރާބް އާ މިއަދު ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.

ކޮވިޑް 19ގެ ހާލަތާއި ގުޅޭގޮތުން މިއަދު ކުރެއްވި އެ މަޝްވަރާތަކުގައި ކޮވިޑް 19 އާ ގުޅިގެން ދެ ގައުމަށް އަންނާނެ އިގްތިސޯދީ ހީނަރުކަމާއި ގުޅޭގޮތުން ވާހަކަފުޅުދެއްކެވި ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި މި ދަނޑިވަޅުގައި ދެގައުމުގެ ސަރުކާރުން ކޮވިޑް 19 އާ ގުޅިގެން އަޅަމުން އަންނަ ފިޔަވަޅުތަކާއި ދެގައުމުގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

އިނގެރޭސީ ފަސްޓް ސެކްރެޓަރީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވާނެ ހީނަރުކަމާއި މޫސުމީ ގޮތުން އަންނަ ބަދަލުތަކާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ގޮތުން ރައީސް ސޯލިހާ އެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން އިނގިރޭސި ވިލާތުގެ ފަސްޓް ސެކްރެޓަރީ ވަނީ ދިވެހިރާއްޖެއިން އަނެއްކާ ވެސް ކޮމަންވެލްތާއި އަލުން ގުޅުމުން އެކަމަށްޓަކައި މަރުހަބާވެސް ވިދާޅުވެފަ އެވެ.