ދިވެހި ރެޑް ކްރެސެންޓް

މިހާލަތުގައި ދޮށީ އުމުރުގެ މީހުންނަށް ނަފުސާނީ އަސަރުކުރާ މިންވަރު ބޮޑު: ޑރ. އާރިފް

ކޮވިޑުގެ މިހާލަތުގައި ދޮށީ އުމުރުގެ މީހުންނަށް ނަފުސާނީ އަސަރުކުރާ މިންވަރު ބޮޑު ކަމަށް ފާހަގަވާ ކަމަށް އައިޖީއެމްއެޗްގެ ސައިކޭޓްރިސްޓް ޑރ އާރިފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރު ވިދާޅުވީ، މިހާލަތުގައި ދޮށީ އުމުރުގެ މީހުންނަށް މައުލޫމާތު ހޯދުމަށާއި ގުޅުންތައް ބަދަހިކުރަން ދަތިވާނެ ކަމަށެވެ. އަދި ލޮކްޑައުންއާ ގުޅިގެން ގޭތެރޭގައި ބަންދުވުމަކީ އެފަދަ މީހުންނަށް ޖިސްމާނީ ގޮތުން ވެސް އަސަރުކުރާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ދޮށީ އުމުރުގެ މީހުންނަށް އަޅާލައި އޯގާތެރިކަން ހިތުމަކީ މުހިންމު ކަމެއް ކަމަށާއި އެގޮތުން އެމީހުންގެ ހާލު ބެލުންފަދަ ކަންކަން އިސްކުރުމަށް ޑޮކްޓަރު އާރިފް އެދިވަޑައިގަތެވެ.

ދޮށީ އުމުރުގެ މީހުންނެކޭ އެއްގޮތަށް މިހާލަތުގައި ކުޑަކުދިންނަށް ވެސް ނޭދެވޭ އަސަރުކުރާނެކަން ފާހަގަކުރައްވާ ޑޮކްޓަރު ވިދާޅުވީ، ސުކޫލްތައް ބަންދުވެ، އެކުދިން އުޅޭ އާންމު ތާވަލަށް ނޫޅެވުމުން އަހުލާގީ މައްސަލަތައް ގިނަވެ، ނުނިދުމާއި ހާސްވުމާއި ކަންބޮޑުވުން ފާހަގަވާނެ ކަމަށެވެ. ނަމަވެސް އެކަންތައް ފެންނާނީ އެހެން ގޮތަކަށް ކަމަށް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

ޑރ. އާރިފު ވިދާޅުވީ، މިހާލަތަށް ކުޑަކުދިން ހުށަހެޅޭ މިންވަރު ކުޑަކުރުމަށް އެކުދިންނާ ވާހަކަދައްކާ މިންވަރު އިތުރުކޮށް އެކުދިން ދައްކާ ވާހަކަ އަޑުއަހައި، ހިތްވަރުދީ ކަންކަމުގައި ބައިވެރިކުރަންޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން އެކުއްޖަކަށް ވިސްނޭ ވަރަކަށް މިހާލަތުގެ މުހިންމުކަން ކިޔައިދީ އެކަމުގައި ނަމޫނާއަކަށް ވާންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.