ދިވެހި ރެޑް ކްރެސެންޓް

ކޮވިޑާއި ގުޅިގެން ފަރުވާ ހޯދާ މީހުންގެ ތެރޭގައި ވަކި ޖިންސެއްގެ މީހުން ގިނަކަން ފާހަގައެއް ނުވޭ: ޑރ. އާރިފް

ކޮވިޑާއި ގުޅިގެން ފަރުވާ ހޯދާ މީހުންގެ ތެރޭގައި ވަކި ޖިންސެއްގެ މީހުން ގިނަކަން ފާހަގަ ވެފައި ނުވާ ކަމަށް އައިޖީއެމްއެޗްގެ ސައިކޭޓްރިސްޓް ޑރ. އާރިފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮކްޓަރު ވިދާޅުވީ، އަންހެނުންނާއި ފިރިހެނުންނަށް ނަފްސާނީ އުދަނގޫތައް ކުރިމަތިވުމުގައި ފަރަގެއް ނެތް ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ވެސް ވަކި ޖިންސަކަށް އިތުރަށް ނަފްސާނީ އަސަރުކުރާކަން އެނގިފައި ނެތް ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ކުރިން ހަދާފައިވާ ދިރާސާތަކުން ދެ ޖިންސުގެ ދެމެދުގައި އެހީ ހޯދާ މިންވަރު ތަފާތުކަން ފެންނަން އެބައޮތް ކަމަށާއި އެގޮތުން ފިރިހެނުންނަށްވުރެ އަންހެނުން އެހީ ހޯދުމުގައި އަވަސްވެގަންނަ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އަދި އެއީ ޖުމްލަގޮތެއްގައި އަންހެނުންގެ ސިއްހަތަށް އޭގެ ފައިދާ ބޮޑުވާކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޑރ. އާރިފް ވިދާޅުވީ، މިކަހަލަ ބޮޑު ކާރިސާއެއްގައި ނަފްސާނީ ގޮތުން ކުރާ އަސަރަކީ އެންމެންނަށް ވެސް ފާހަގަކުރެވޭ ކަމެއް ކަމަށެވެ. އަދި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ކުރެވޭ ކަންތައްތަކުގައި ކޮންޓްރޯލް ކޮށްގެން ކުރެވޭ ކަންތައްތަކަށް ފޯކަސް ކޮށްގެން އެކަންކަމަށް ކޮންޓްރޯލް އަނބުރާ ގެންދިއުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.