އަލީ ޔާމިން
ރެޑްކްރެސެންޓުން ދެމުނ އަންނަނީ ޕްރޮފެޝަނަލް ސޯޝިއަލް ސައިކޯ ސަޕޯޓެއް ނޫން ކަމަށާއި މިއީ އެކަމުގެ ތަޖުރިބާކާރުންނާ ހަމަޔަށް ދިއުމުގެ ކުރީން ދެވޭ ޓްރައިއޭޖު ހިދުމަތެއް ކަމަށް މޯލްޑިވްސް ރެޑްކްރެސެންޓުން ބުނެފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މޯލްޑިވްސް ރެޑްކްރެސެންޓުގެ ޕްރޮގްރާމް އޮފިސަރު މައީދު މުހައްމަދު ޒާހިރު ވިދާޅުވީ، މިހާތަނަށް ކޮވިޑާ ގުޅިގެން ސައިކޯ ސޯޝިއަލް ސަޕޯޓު ހޯދި މީހުންގެ އަދަދު 1000 އަށްވުރެ މައްޗަށް އަރައިފައިވާ ކަމަށެވެ.
މައީދު ވިދާޅުވީ، ދިވެހި ރެޑްކްރެސެންޓުން ފޯރުކޮށްދޭ ސައިކޯ ސޯޝިއަލް ސަޕޯޓް ނުވަތަ ސައިކޮލޮޖިކަލް ފަސްޓްއެއިޑަކީ ޕްރޮފެޝަނަލް މެންޓްލް ހެލްތު ސަޕޯޓެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ދިވެހި ރެޑްކްރެސެންޓުން މިދޭ ސައިކޯ ސޯޝިއަލް ސަޕޯޓް ނުވަތަ ސައިކޮލޮޖިކަލް ފަސްޓްއެއިޑަކީ މިއީ ޕްރޮފެޝަނަލް މެންޓްލް ހެލްތު ސަޕޯޓެއް ނޫން. އެ ޕްރޮފެޝަނަލް މެންޓަލް ހެލްތު ސަޕޯޓާ ހަމައަށް ދިއުމަށްޓަކައި އަޅުގަނޑުމެން ކުޑަވަރެއްގެ ޓްރައިއޭޖެއް މި ކުރަނީ ކުޑަވަރެއްގެ އެސެސްމެންޓެއް މިހަދައިދެނީ،" މައީދު ވިދާޅުވިއެވެ.
މީީގެ އިތުރުން ރެޑްކްރެސެންޓުން އެހީތެރިކަން ފޯރުކޮށްދޭ މީހުންގެ ތެރެއިން އިތުރު ފަރުވާ ދޭން ޖެހޭ ކަމަށް ފާހަގަކުރެވޭ މީހުން އައިޖީއެމްއެޗަށް ރިފާކުރަމުން ގެންދާ ކަމަށްވެސް މައީދު ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ރިފާކުރަން ޖެހިފައިވަނީ ވަރަށް މަދު ކޭސްތައް ކަމުގައި ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން ޑރ. އާރިފް މުހައްމަދު ވިދާޅުވީ، ރެޑްކްރެސެންޓާއި، އެނޫންވެސް ފަރާތްތަކުން ސައިކޯ ސޯޝިއަލް ސަޕޯޓް ފޯރުކޮށްދިން މީހުންގެ ތެރެއިން އިތުރު ފަރުވާ ދޭން ޖެހޭކަމަށް ފާހަގަކޮށް އައިޖީއެމްއެޗަށް މިހާތަނަށް ރިފާކޮށްފައިވަނީ 55 މީހުން ކަމަށެވެ.