ދިވެހި ރެޑް ކްރެސެންޓް

ބަލި ޖެހޭ މީހުންނަށް ހަމްދަރުދީވޭ! އެމީހުން ބާކީކޮށް ނަފުސާނީ ބައްޔަށް ހުށަހެޅުނަ ނުދެއްވާ!: ޑރ. އާރިފް

މަރިޔަމް ޝަހުދާ

ބަލި ޖެހޭ މީހުންނަށް ހަމްދަރުދީވުމަށާއި އެމީހުން ބާކީކޮށް ނަފުސާނީ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ނުދެއްވުމަށް ޑރ. އާރިފް މުހައްމަދު އިލްތިިމާސްކުރައްވައިފި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އާރިފް ވިދާޅުވީ މި ހާސްކަން ބޮޑު ދަނޑިވަޅުގައި ބައެއް މީހުން ބިރުން ކަން ކުރަންވީ ގޮތް ނޫން ގޮތަށް ކަންކުރާ ކަމަށެވެ.

އެގޮތުން ބައެއް ފަހަރު ބަޔަކު ދެކެ ބިރުން ބާކީ ކުރެވޭ ތަން އަންނަ ކަމަށް ޑރ. އާރިފް ވިދާޅުވިއެވެ. އަދި ބަލިޖެހިފައިވާ މީހުން ބަދުނާމުވާ ގޮތަށް ސޯޝަލް މީޑިއާގައި އެއްޗެހި ލިޔާ ކަމަށް ޑރ. އާރިފް ވިދާޅުވިއެވެ.

ޑރ. އާރިފް ވިދާޅުވީ މި ކަންކަންކަމާ ގުޅިގެން މީހުންނަށް ކުރާ ނަފްސާނީ އަސަރު އެތައް ގުނައެއް ބޮޑުވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އެހެން ކަން ނުކުރުމަށާއި، ބަލި މީހުންނާއި ކަރަންޓީނުގައި ތިބި މީހުންނަށް މިވަގުތު ފޯރުކޮށްދޭންވީ ހަމްދަރުދީގެ އަތެއް ކަމަށް ޑރ. އާރިފް ވިދާޅުވިއެވެ. އަދި އެމީހުން އިތުރަށް ބަދުނާމުވެ އެމީހުންނަށް އިތުރު ތަކުލީފެއް ލިބޭ ކަމެއް ނުކުރުމަށް ޑރ. އާރިފް އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުން ގެއަށް ދިއުމުން ބަލި ޖެހިދާނެ ކަމުގެ ބިރަށް ބާކީކޮށްލުމުގެ ބަދަލުގައި އެމީހުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމަށް ޑރ. އާރިފް އެދިވަޑައިގެންނެވިއެވެ.