ދިވެހި ރެޑް ކްރެސެންޓް

ނަފުސާނީ މައްސަލަތަކަށް ފަރުވާހޯދި މީހުންގެ އަދަދު ދެގުނައަށް އަރައިފި

މަރިޔަމް ޝަހުދާ

މިދިޔަ އަހަރުގެ މާޗް މަހާއި އަޅަައި ބަލާއިރު، މިދިޔަ މާޗު މަހު ނަފުސާނީ މައްސަލަތަކަށް ފަރުވާހޯދި މީހުންގެ އަދަދު ދެގުނައަށް އަރައިފި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އާރިފް މުހައްމަދު ވިދާޅުވީ މިހާރުގެ ހާލަތުގެ ގޮތުން އެންމެނަށްވެސް މިކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އަދި އެއީ ނަފްސާނީ ބައްޔެއް ނެތް ކަމަށްވީ ނަމަވެސް ކަމަށް ޑރ. އާރިފް ވިދާޅުވިއެވެ.

ޑރ. އާރިފް ވިދާޅުވީ އައިޖީއެމްއެޗުން ނަފްސާނީ އެކި ކަންކަމާ ގުޅިގެން މިދިޔަ މަހު ބެލި މީހުންގެ އަދަދު 615އަށް އަރާ ކަމަށެވެ. އަދި އެއީ މިދިޔަ އަހަރުގެ މިމަހަށް ބަލާއިރު ދެގުނަ އަދަދެއް ކަމަށް ޑރ. އާރިފް ވިދާޅުވިއެވެ.

މިވަރު ކުޑަ ތަފާސް ހިސާބަކުންވެސް އަހަރެމެންގެ ތެރޭ މީހުންނަށް ނަފްސާނީ އަސަރުތައް ކުރާކަން އެނގޭ ކަމަށާއި ކުރިއަށް އޮތްތާގައި ނަފްސާނީ ކަންކަމަށް އެހީތެރިކަން ހޯދާ މީހުން ގިނަވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ޑރ. އާރިފް ވިދާޅުވިއެވެ.

މިހާރުގެ ހާލަތުގައި ވާނުވާ ނޭނގޭ ބައިވަރު ކަންކަން ހުރިކަން ޑރ. އާރިފް ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާލަތުގައިވެސް ކުރެވިދާނެ ކަންކަން ހުރި ކަމަށާއި އަމިއްލަ ނަފްސާނީ އަދި ޖިސްމާނީ ދުޅާހެޔޮކަން ރައްކާތެރި ވާން ޖެހޭކަމަށް ޑރ. އާރިފް ވިދާޅުވިއެވެ.

އެގޮތުން ނަފްސާނީ ދުޅަހެޔޮކަން ރަނގަޅު ކުރުމުގެ ގޮތުން ތިމާއަށް ކޮންޓްރޯލް ކުރެވޭ ކަންކަމަށް ވިސްނުން މުހިއްމު ކަމަށް ޑރ. އާރިފް ވިދާޅުވިއެވެ. އަދި ގޭގައި ބަންދުވެފައި ތިބޭއިރު ވަކި ރޫޓީންއަކަށް ކަންކަން ކުރުން އެއީ ނަފްސާނީ ދުޅާހެޔޮ ކަމަށް އެހީތެރިވެދޭ ކަމެއް ކަމަށް ޑރ. އާރިފް ވިދާޅުވިއެވެ. މީގެ އިތުރުން ތިމާގެ ޖިސްމާނީ ދުޅަހެޔޮކަން ހުރުމަށް ކަސްރަތު ކުރުމުގެ މުހިއްމުކަން ޑރ. އާރިފް ފާހަގަކުރެއްވިއެވެ.