ތަފާތު އެކި ސަބަބުތަކާއި ހެދި މުޖުތަމައުގައި ބާކީކޮށް ދުރުކުރެވިފައި ތިބި މީހުންނަށް މިހާލަތުގައި ހާއްސަ އެހީތެރިކަމާއި އަޅައިލުން ބޭނުންވާ ކަމަށް މޯލްޑިވްސް ރެޑްކްރެސެންޓުން ބުނެފި އެވެ.
ކޮވިޑް 19 ގެ ނެޝަނަލް އިމަޖެންސީ ސެންޓަރު، ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްްވަމުން މޯލްޑިވްސް ރެޑްކްރެސެންޓްގެ، ޕްރޮގްރާމް އެންޑް ސާވިސަސް މެނޭޖަރު މައީދު ވިދާޅުވީ، ކޮވިޑް 19 ގެ މި ހާލަތުގައި މީހުންގެ ކަންބޮޑުވުން އިތުރުވެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދެމުން އަންނަ ކަމަށެވެ. އަދި އެކަންތަކާގުޅިން، ކުޑަކުދިންނާއި، ބޮޑެތި މީހުންނާއި ބިދޭސީންނައި ދިވެހިން، ތަފާތެއް ނެތި ކޮންމެ މީހަކީވެސް ނަފުސާނީ މައްސަލަތައް ކުރިމަތިވެދާނެ މީހެއް ކަމަށް ވިދާޅުވިއެވެ.
މައީދު ވިދާޅުވީ އެހެންކަމުން މި ދަނޑިވަޅަކީ މުޖުތަމައުން އެއްވެސް މީހަކު ބާކީ ނުކޮށް އެންމެނާ އަޅާލައި، އެންމެންގެ ހާލު ބަލަން ޖެހޭ ވަގުތު ކަމަށެވެ.
މައީދު ވިދާޅުވިގޮތުގައި މިހާލަތުގައި އިޖުތިމާއީ ކަންތައްތައް ހުރި ގޮތުންނާއި، އެހެން ގޮތްގޮތުން މުޖުތަމައުން ބާކީވެ އެކަހެރިވެފައިވާ ބަޔަކު އެބަތިބިކަން އެންމެން ދަންނަން ޖެހެއެވެ.
ނަމަވެސް އޭގެ ތެރެއިންވެސް އެއްވެސް މީހަކު ބާކީ ނުކޮށް އެންމެނަށް އަޅާލައި އެންމެންގެ ހާލު ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މައީދު ވިދާޅުވީ، މިހާރު ދިމާވެފައި މިވާ ހާލަތުގައި މަސައްކަތްކުރަމުން އަންނައިރު، ކޮންމެ މީހަކީވެސް ނަފުސާނީގޮތުން އަސަރުކުރާނެ މީހެއްކަން ވިސްނުމުގައި ބަހައްޓަން ޖެހޭ ކަމަށެވެ. އެހެންކަމުން މުޅި މުޖުތަމައު މިކަމުގައި މަސައްކަތްކޮށް ގުޅުން ބަދަހިކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޓެކްނޮލޮޖީގެ ވަސީލަތުންވެސް އެކަންކޮށް އެކަކު އަނެކެއްގެ ހާލު ބަލައި އެކަކު އަނެކަކަށް އަޅައިލެވިދާނެ ކަމަށެވެ.
މައީދު ވިދާޅުވީ މީހުންގެ ކަންބޮޑުވުން ފިލުގައި ހޭލުންތެރިކަން އިތުރު ކުރުމަށް ރެޑްކްރެސެންޓުންވެސް ގިނަ މަސައްކަތްތެކެއް ކުރަމުން އަންނަ ކަމަށެވެ.