ކޮވިޑާއި ގުޅިގެން ސައިކޯ ސޯޝިއަލް ސަޕޯޓު ހޯދި މީހުންގެ އަދަދު ވަނީ 1000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް މޯލްޑިވްސް ރެޑް ކްރެސެންޓުން ބުނެފި އެވެ.
ކޮވިޑް 19 ގެ ނެޝަނަލް އިމަޖެންސީ ސެންޓަރު، ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްްވަމުން މޯލްޑިވްސް ރެޑްކްރެސެންޓްގެ ޕްރޮގްރާމް އެންޑް ސާވިސަސް މެނޭޖަރު މައީދު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ރެޑްކްރެސެންޓްގެ ކޯލްސެންޓަރެއް ދަރުބާރު ގޭގައި ގާއިމުކޮށް ނަފުސާނީ، އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް 7 މާޗްގައި ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ކޮވިޑް 19 މާލޭގެ މުޖުތަމައަށް ފެތުރެން ފެށުމުން ރެޑްކްރެސެންޓްގެ އެ ފިޒިކަލް ސެޓަޕް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ހޮޓްލައިން ސެޓަޕަކަށް ބަދަލުކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އެފަދަ ސިސްޓަމެއް ގާއިމްކޮށްފައިވާ ކަމަށެވެ.
"26 އޭޕްރީލްގެ ރޭގަނޑު އަޅުގަނޑުމެން މި ލޯންޗްކުރީ ޕީއެސްއެސް ހޮޓްލައިނެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިކޯ ސޯޝަލް ސަޕޯޓެއް ޑެޑިކޭޓްކޮށްގެން ހުޅުވާލި ހޮޓްލައިން،" މައީދު ވިދާޅުވިއެވެ.
މައީދު ވިދާޅުވީ، ހޮޓްލައިން ސެޓަޕް ގާއިމް ކުރުމުގެ ކުރިން، ދަރުބާރުގޭގައި ގާއިމް ކުރި ކޯލްސެންޓަރަށް ފަސް ފޯނުން، ދިހަ ފޯނުން 15 ފޯނު އިތުރުކޮށްގެން 1373 މީހަކަށް ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދީފައިވާ ކަމަށެވެ.
އޭގެތެރޭގައި ކޮވިޑް 19 ގެ ކަރަންޓީން ފެސިލިޓީގައި ތިބި މީހުންގެ އިތުރުން ކޮވިޑް 19 ގެ ހޮޓްލައިން 1676 އަށް ގުޅައިގެން އެ ހިދުމަތް ބޭނުންވި މީހުންގެ އިތުރުން ސޯޝަލް މީޑިއާ އާއި އެހެނިހެން އެޖެންސީތަކުން އެހިދުމަތް ބޭނުންވެގެން އެދިފައިވާ ފަރާތްތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހޮޓްލައިން ގާއިމްކޮށްގެން މިހާތަނަށް 9 ގަޑިއިރުގެ ތެރޭގައި 95 ފަރާތަކަށް ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ.