ދިވެހި ރެޑް ކްރެސެންޓް

ތަމްރީނުވެފައިވާ 40އަށްވުރެ ގިނަމީހުން ސައިކޯސޯޝިއަލް ސަޕޯޓް ދިނުމުގައި ހަރަކާތްތެރިވަމުން އެބަދޭ: އެމްއާރްސީ

އަލީ ޔާމިން

ތަމްރީނު ލިބިފައި ތިބި 40 އަށްވުރެ ގިނަ މީހުން ސައިކޯސޯޝިއަލް ސަޕޯޓް ދިނުމުގައި ހަރަކާތްތެރިވަމުންދާ ކަމަށް މޯލްޑިވިއަން ރެޑް ކްރެސެންޓުން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަން ރެޑްކްރެސެންޓުގެ ޕްރޮގްރާމް އޮފިސަރު މައީދު މުހައްމަދު ޒާހިރު ވިދާޅުވީ، ދިވެހި ރެޑްކްރަސެންޓުން ރިމޯޓްކޮށް މަސައްކަތް ފެށުމުގެ ކުރިން 1373 މީހަކަށް ސައިކޯ ސޯޝިއަލް ސަޕޯޓު ފޯރުކޮށްދީފަައިވާނެ ކަމަށެވެ. އަދި ރިމޯޓުކޮށް މަސައްކަތް ކުރަން ފެށި ފަހުންވެސް ނުވަ ގަޑިއިރުގެ ތެރޭގައި 94 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް މައީދު ވިދާޅުވިއެވެ.

މައީދު ވިދާޅުވީ، ތަމްރީނު ލިބިފައި ތިބި 40 އަށްވުރެ ގިނަ މީހުން ސައިކޯ ސޯޝިއަލް ސަޕޯޓް ދިނުމުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ހާލަތަށް ބަލައި އެ އަދަދު އިތުރު ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މުޅި މި ޕީއެސްއެސް އޮޕަރޭޝަންގައި 44 ވޮލެންޓިއަރުން، ތަމްރީން ކުރެވިފައިވާ 44 ވޮލެންޓިއަރުން މިދަނީ ހަރަކާތްތެރިވަމުން،" މައީދު ވިދާޅުވިއެވެ.

މީގެ އިތުރުން މައީދު ވިދާޅުވީ، ރެޑްކްރެސެންޓުން ތަމްރީނު ދެނީ އެތަނުގެ ވޮލެންޓިއަރުންނަށް އެކަނި ނޫން ކަމަށާއި އެގޮތުން ކޮވިޑް 19އާ ގުޅިގެން ފްރަންޓްލައިންގައި ހަރަކާތްތެރިވާ މީހުންނާއި، ކޯލް ސެންޓަރުގައި ހަރަކާތްތެރިވާ މީހުން ހިމެނޭހެން ޖުމްލަ 266 މީހުންނަށް މިހާތަނަށް ތަމްރީން ދެވިފައިވާނެ ކަމަށެވެ.

ދިވެހި ރެޑްކްރެސެންޓުން ސައިކޯ ސޯޝިއޯ ސަޕޯޓު ފޯރުކޮށްދޭނީ މެންދުރު 12:00 އިން ހަވީރު 17:00 އަށް އަދި ރޭގަނޑު 20:00 އިން 00:00 އަށެވެ.