އިމަޖެންސީ ހާލަތުގައި މާބަނޑު މީހުންނާއި އަންހެނުންގެ ހާއްސަ ބަލިތަކުގެ މީހުން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން އެކަން އަންގައިދިނުމަށް އައިޖީއެމްއެޗުން އެދިއްޖެ އެވެ.
ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުގެ ދަށުން މާބަނޑު މީހުންނާއި ހާއްސަ ބަލިތަކުގެ މީހުން އިތުރު ގޮތެއް ނެތިގެން މެނުވީ ހޮސްޕިޓަލަށް ނުދިއުމަށް އައިޖީއެމްއެޗުން މީގެ ކުރިން ވަނީ އިލްތިމާސް ކޮށްފައެވެ.
އެގޮތުން އެ ހޮސްޕިޓަލުން ބުނީ ހޮސްޕިޓަލަށް އިމަޖެންސީކޮށް ދާން ޖެހޭކަން ނުވަތަ ނޫން ކަން ޔަގީން ކުރުމަށްޓަކައި އެ ހޮސްޕިޓަލުގެ 3308234 ނަންބަރަށް ގުޅައިގެން މަޝްވަރާ ކުރުމަށް އެދޭ ކަމަށާއި އަދި މި ނަންބަރަށް ކޮންމެ ގަޑިއެއްގައި ވެސް ގުޅޭނެ ކަމަށެވެ.
މިހާރު ހަލުވި ކަމާއި އެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 ބަލި ރާއްޖެ އިން ފެނި ބަލި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަ މިހާރު ރާއްޖެއިން އެބައްޔަށް ޕޮޒިޓިވް 245 މީހުން ވަނީ ފެނިފައެވެ. އަދި އޭގެ ތެރެއިން 17 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.