ކޮވިޑް 19ގެ ސަބަބުން ކުޅުންތެރިންގެ ފިޓްނެސްއަށް އަސަރުކޮށްފާނެކަމަށް ބެލެވޭތީ އަލުން ކުޅުން ފެށޭއިރު ކުރިޔަށް ގެންދާ ހުރިހާ މެޗެއްގައިވެސް ބަދަލު ކުޅުންތެރިންގެ ގޮތުގައި ފަސް ކުޅުންތެރިން ބަދަލު ކުރުމުގެ ހުއްދަދިނުމަށް ފީފާއިން ހުށަހަޅައިފިއެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން މި ގޮތަށް ހުށަހެޅީ ކޮވިޑް 19 އާ ގުޅިގެން ހުރިހާ ގައުމެއްގެ ލީގުތައް ހުއްޓާލައިފައި ވާތީ ކްލަބުތަކުގެ ކުޅުންތެރިންގެ ފިޓްނެސް އާއި ގުޅޭ ގޮތުން ދަތިތަކެއް ދިމާވެދާނެ ކަމަށް ބެލެވޭތީއެވެ.
މިބަދަލު މިހެން ގެނައި ނަމަވެސް މެޗު ކުރިއަށްދާއިރު ކުޅުންތެރިން ބަދަލުކުރުމުގައި އެންމެ ގިނަވެގެން ބޭނުން ކުރެވޭނީ ކުރިން ވެސް އޮންނަ ގޮތަށް ތިން ބަދަލެވެ. ފީފާއިން ބުނީ ބޭނުން ނެތް ގޮތެއްގައި މެޗުގެ ތެރެއިން ހުއްޓުންތައް ނުގެނައުމަށް ހާފްޓައިމްގައި ކުޅުންތެރިން ބަދަލުކުރުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.
މިގޮތަށް އަމަލު ކުރެވޭނީ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަންގެ ބޯޑުން މި ހުށަހެޅުން ގަބޫލުކުރުމުން ކަމަށެވެ. އެއަށްފަހު ޕްރިމިއާ ލީގާއި ބުންޑަސްލީގާ ފަދަ ލީގުތަކުން ބޭނުން ނަމަ ފީފާގެ މި ހުށަހެޅުމާއި އެއްގޮތަށް ބަދަލު ކުޅުންތެރިންގެ ގޮތުގައި ކޮންމެ މެޗެއްގައި ފަސް ކުޅުންތެރިން ބަދަލުކުރެވޭނެއެވެ.
ފީފާގެ ސްޕޯކްސްޕާސްން ވިދާޅުވީ އަލުން ސީޒަންތައް ފެށޭއިރު ދާނީ ވަރަށް ތާށިކޮށް ކަމަށާއި، އެއް މުބާރާތަށްފަހު އަނެއް މުބާރާތް ފަށާނެ ކަމަށް ބެލެވޭތީ ކުރިޔަށްވުރެ ކުޅުންތެރިންނަށް އޮތް ރިސްކު ބޮޑުވާނެ ކަމަށެވެ. އެގޮތުން ކުޅުންތެރިންނަށް މާގިނަ މެޗުތައް ކުޅެން ޖެހުމުގެ ސަބަބުން އިންޖަރީތައް ދިމާވުންފަދަ ކަންކަން ކުރިމަތިވާނެ ކަމަށެވެ. އަދި އެ އިދާރާއިން އެންމެ އިސްކަންދޭނެ އެއް ކަމަކީ ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ.
ފީފާގެ މި ހުށަހެޅުމަކީ ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ކޮވިޑް 19ގެ މި ހާއްސަ ހާލަތާއި ގުޅިގެން އެކަނި ބޭނުން ކުރެވޭނެ އުސޫލެކެވެ. ނަމަވެސްބެލެވޭ ގޮތުގައި ބައެއް މުބާރާތްތައް ފެށޭނީ ނުވަތަ ނިމޭނީ 2020 ނުވަތަ 2021 ގައި ކަމަށްވާތީ ފީފާގެ މި ނިންމުމަށް އަންނަ އަހަރު ވެސް އަމަލުކުރެވޭނެ ކަމަށް ފީފާއިން ބުނެއެވެ.