އެއަރ އިންޑިޔާ

އިއްޔެ ފުރަން އޮތް އެއާ އިންޑިއާގެ ފްލައިޓުގައި ދިވެހިންގެ ބަޔަކަށް ނުފުރި 5 ގަޑިއިރު: އަދިވެސް ފުރޭނެ އިރެއް ނޭނގެ

ޝަހީދާ އަބްދުﷲ ސައީދު

1

އިއްޔެ ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ޓްރެވިންޑްރަމަށް ދަތުރުކުރަން އޮތް އެއާ އިންޑިއާގެ ފްލައިޓު ޑިލޭވެ، ދިވެހިންގެ ބަޔަކު ފަސް ގަޑި އިރު ފުލައިޓުގައި ހޭދަކުރަން ޖެހިއްޖެއެވެ.

އެއަރ އިންޑިއާގެ ފުލައިޓުން އިންޑިއާއަށް ދިއުމަށް ފުލައިޓަށް އެރި ދިވެހި އަންހެނަކު ''ވަންއޮންލައިން'' އަށް މައުލޫމާތު ދެމުން ބުނީ ފުލައިޓަށް މީހުން އެރުވީ އިއްޔެ ހަވީރު 4:30 އެހާއިރު ކަމަށެވެ. އަދި ފުލައިޓް ނައްޓާނުލައި ގިނައިރުވުމުން ލަސްވަނީ ކީއްވެތޯ ފަސިންޖަރުން ސުވާލު ކުރުމުން އެއީ ޓެކްނިކަލް މައްސަލައެއް އުޅޭތީ ކަމަށާއި 15 މިނެޓް ފަހުން ފުރޭވަރުވާނެ ކަމަށް ކުރޫއިން ބުނި ކަމަށެވެ.

އަދި 5:30 ވީފަހުން ކާއެއްޗެހި ދިން ކަމަށާއި 6:30 ވީ އިރުވެސް އިތުރު އެއްވެސް ޖަވާބެއް ނުދޭ ކަމަށް އޭނާ ބުންޏެވެ. ފުލައިޓުގައި އޭރު ބަލި މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީން ވެސް ތިބި އިރު އޭގެ ތެރޭގައި މަންމަ ނިޔާވެގެން މޫނު ދެކެން އިންޑިއާއަށް ދާން ބޭނުންވާ މީހަކު ވެސް އިންކަމަށް މައުލޫމާތުދިން ފަރާތުން ބުންޏެވެ.

އޭނާ ބުނީ ފުލައިޓް ތެރޭގައި ތިބޭތާ ފަސް ގަޑިއިރު ވީ ފަހުން ނުވައެއް ވެސް ޖަހައި ބޮޑުވި ފަހުން އަންހެންވެރީން ތެދުވެ ދޮރު ހުޅުވަން ކުރޫއިން ގާތު ބުނަމުން ދިޔަ ކަމަށާއި އޭރު ފުލައިޓްގައި ތިބި ހުރިހާ އެންމެން ކޮޅަށް ތެދުވެއްޖެ ކަމަށެވެ. އަދި ފޮށިތައް ނަގައިގެން ގޮސް ދޮރުހުޅުވަން އެންމެން އެދެން ފެށުމުން ދޮރު ހުޅުވި ކަމަށް އޭނާ ބުންޏެވެ.

އަދި ފުލައިޓުން ފައިބައިގެން ގޮސް އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފުންނާ ބައްދަލުކުރުމުން ވާހަކަ ދެއްކި އަންހެން މުވައްޒަފަކު އެއްވެސް އިހުތިރާމެއް ނެތި ވާހަކަދެއްކިކަން އޭނާ ފާހަގަކުރިއެވެ. އެގޮތުން ''އަންނަ މީހަކު އަންނަންވީ. ދާން ބޭނުންވާ މީހަކު ދާންވީ'' ކަމަށް ބުނުމުން، ތުއްތު ކުދިންނާއި ބަލި މީހުންނާ އެކު ފަސް ގަޑިއިރު ފުލައިޓް ތެރޭގައި ތިިބި މީހުން ހިތްހަމަ ނުޖެހުން ފާޅުކުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަދި ފުލައިޓް ނައްޓާނުލައި އެހާ ގިނައިރު ރަންވޭ މަތީގައި އޮތްއިރު އެއާޕޯޓުގެ އެއްވެސް މުވައްޒަފަކު ވާނުވާ ބަލަންވެސް ނުދާ ކަމަށް އޭނާ ބުންޏެވެ.

މީގެއިތުރުން މިއަދު ހެނދުނު ފުލައިޓުން ފޮނުވާލާނެ ކަމަށް ބުނެ ގެއަށް ފޮނުވާލަން އުޅުމުން ތިބޭނެ ތަނެއް ހަމަޖައްސައިދިނުމަށް ހުރިހާ ފަސިންޖަރުން ވެސް އެދުނު ކަމަށާއި އެޕްރެޝަރާ އެކު ފަސިންޖަރުން ގެންދިޔައީ މާގިރި ހޮޓަލަށް ކަމަށް ވެސް ބުނެފައިވެއެވެ. އަދި މިއަދު ހެނދުނު ފުރުވާލަން ބުނި ނަމަވެސް އަދިވެސް ޖަވާބެއް ނުދޭ ކަމަށްވެސް އޭނާ ބުންޏެވެ. ވަން އޮންލައިން އަށް އެނގިފައިވާ ގޮތުގައި މާގިރީގެ އިތުރުން އިތުރު ބައެއް ހޮޓާތަކަށް ވެސް ޕަސެންޖަރުން ލައިފައިވެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟