އިބްރާހިމް ޒަކީ
މަނީލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ފަސް އަހަރުދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ޖަލުން ގެއަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލީޝަނުން އަނެއްކާވެސް ގޮވާލައިފި އެވެ.
ޕީޕީއެމްގެ ލީޑަރު ޔާމީން ގެއަށް ބަދަލު ކުރުމަށް އެދި އެ ކޯލީޝަނުން މިފަހަރު، ސިޓީ ފޮނުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲގެ އިތުރުން ހިއުމަންރައިޓްސް ކޮމިޝަން އަށެވެ.
ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް އެދި އެފަރާތްތަކަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، މާފުށީ ޖަލުގައި ހަމަނުޖެހުންތައް ހިނގުމާއި، ގައިދީންގެ ފަރާތުން ތަފާތު އިންޒާރުތައް ޖަލު އޮފިސަރުންނަށް ދެމުންދާ ހަބަރުތައް މީޑިއާތަކުގައި ފެތުރެމުން ދަނިކޮށް، ޖަލުގައި ފުލުހުންގެ އޮޕަރޭޝަނެއް ހިންގާފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށެވެ.
އެގޮތުން އެސްއޯ ފުލުހުން ޖަލުގެ ގޮޅިތަކުން ގައިދީން ނެރެ ބަލައި ފާސްކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިވީނަމަވެސް އެކަމުގެ އެއްވެސް ތަފުސީލެއް ހޯމް މިނިސްޓްރީން ނުދޭ ކަމަށާއި، ގުޅުމުން މިނިސްޓަރު އިމްރާން އަބުދުﷲ ފޯނު ނުނަންގަވާ ކަމަށެވެ.
އިދިކޮޅުގައި ހުންނެވި ހަމައެކަނި ސިޔާސީ ލީޑަރު ޖަލުގައި ހައްޔަރު ކޮށްފައިވަނީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ގާނޫނީ ހައްގުގެ ބޭރުން ކަމަށްވެސް ސިޓީގައި ބުނެފައި ވެއެވެ. އަދި އެމަނިކުފާނު ޖަލުގައި ހުންނަވަނިކޮށް ހަމަނުޖެހުމެއް ހިނގުމާއި ފުލުހުންގެ އޮޕަރޭޝަންތައް ހިންގުމަކިީ ކަންބޮޑުވާކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގައި ކޮވިޑް 19 ފެތުރެމުންދާ މިދަނޑިވަޅުގައި މާފުށީ ޖަލުގައިވެސް ވައިރަސް ފެތުރުމުގެ ބިރު އޮތްކަމާއި، ރަމަޟާން މަހުގެ ތެރޭގައި ރައީސް ޔާމީން ޖަލުގައި ދުވަސްތައް ހޭދަކުރައްވަން ޖެހިވަޑައިގަތުމަކީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާ މައްސަލަ ކުރިއަށް ނުގެންދެވި އެތައް ދުވަހެއް ފާއިތުވެގެންދާއިރު، އެމަނިކުފާނަށް ގާނޫނީ ގޮތުން ހައްގުވާ ކަފާލާތުގެ ފުރުސަތުވެސް ނުލިބޭކަން ސިޓީގައި ފާހަގަކޮށްފައި ވެއެވެ.
ސިޓީގައި ބުނެފައިވަނީ އެކަންތައްތަކަށް ބަލާއިރު، ރައީސް ޔާމީނާއި އާއިލާއަށް ސަރުކާރުން އަނިޔާވެރިވަމުންގެންދާ ކަމަށެވެ.
ވީމާ އަނިޔާވެރިކަމަށް ފުރުސަތު ނުދެއްވައި އިހުސާންތެރިކަން އިސްކުރެއްވުމާއެކު ހަށިކޮޅަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށްޓަކައި ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް އެދޭކަމަށް އެ ސިޓީގައި ބުނެފައި ވެއެވެ.