ޚަބަރު

ހަޒްމަޓް ސޫޓްސް އާއި ޕްރޮޓެކްޓިވް ގައުންސް ފަދަ ތަކެތިން ވެސް ޑިއުޓީ މައާފުކޮށްދީފި

ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރާ އިތުރު ބާވަތްތަކެއްގެ ޑިއުޓީ މައާފުކޮށްދީފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރާ މުދަލުގެ ތެރެއިން ސިއްހީ ދާއިރާގެ ބޭނުމަށް އެތެރެކުރާ އިތުރު ބާވަތްތަކެއް މުދާ އެކްސްޕޯޓު ކުރުމާއި، އިމްޕޯޓު ކުރުމާއި، ރީއެކްސްޕޯޓު ކުރުމުގެ ގަވައިދުގެ ދަށުން އެ ތަކެއްޗަށް ނެގޭ ޕްރޮސެސިން ފީ އޭޕްރީލް 26 އިން ފެށިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މައާފުކޮށްދެއްވާފައިވާ ކަމަށެވެ.

ޑިއުޓީ މައާފުކޮށްދީފައިވާ ތަކެއްޗަކީ ގޮގުލްސް، ޕްރޮޓެކްޓިވް ގައުންސް އަދި ކަވާހޯލް، ހަޒްމަޓް ސޫޓްސް، ސާޖަންސް ކެޕްސް އަދި ޝޫ ކަވަރު ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޭނުންވާ ތަކެތިންނެވެ. އެ ތަކެތީގެ ޑިއުޓީ ރައީސް މައާފުކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓު ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން އިމްޕޯޓު ޑިއުޓީ މައާފުކުރުމާއި، މައާފުކުރުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުންނެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރުމަށް އެދޭ މުދަލުގެ ތެރެއިން ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރެވޭ އަންގިއާއި މާސްކާއި ފޭސް ޝީލްޑް އަދި އަތްދޮންނަން ބޭނުންކުރާ ތަކެއްޗާއި ސެނިޓެއިޒާ ފަދަ ބައެއް ބާވަތްތަކުގެ އިމްޕޯޓު ޑިއުޓީ ވެސް ރައީސް ވަނީ މީގެ ކުރިން މައާފުކޮށްދެއްވައިފައެވެ.