ޚަބަރު

ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗްއާރްސީއެމުން އިލްތިމާސްކޮށްފި

އަލީ ޔާމިން

ކޮވިޑް 19އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންގެ އަމިއްލަ ރައްކާތެރިކަމާއި ފަރުދުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން އިލްތިމާސްކޮށްފިއެވެ.

އެޗްއާރްސީއެމުން ރޭ ބުނީ، ކޮވިޑް 19 އާ ދެކޮޅަށް މަސައްކަތް ކުރާ ގައުމީ ދިފާއީ ބާރުގެ އޮފިސަރުންތަކެއް މި ބައްޔަށް ޕޮޒިޓިވްވިކަމީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެއް ކަމަށެވެ. އަދި ކުރީ ސަފުގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުން މަސައްކަތްކުރާއިރު، އަމިއްލަ ރައްކާތެރިކަމާއި ފަރުދުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއެންޑީއެފްގެ ކާނަލް ހުސައިން އަލީ ވިދާޅުވީ، މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ސިފައިންގެ ފަސް މީހަކުވެސް ހިމެނޭ ކަމަށާއި، އެމީހުންނާ ގުޅުން ހުރި އިތުރު ސިފައިން ކަރަންޓީނު ކޮށްފައިވާ ކަމަށެވެ.

ކޮވިޑް 19އަށް ސިފައިންގެ މީހަކު އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސިފައިންގެ މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ތެރޭގައި، ހުޅުމާލޭގައި ހަދާ މެޑިކަލް ފެސިލިޓީގެ މަސައްކަތުގައި ހަރަކާތްތެރިވި ދެ ސިފައިންވެސް ހިމެނެއެވެ