ކޮވިޑް 19އާ ގުޅިގެން މުޅި ރާއްޖެ ލޮކްޑައުން ކޮށްފައިވާތީ، ދިރިއުޅޭ ރަށަށް އެނބުރި ނުދެވިފައި ނުވަތަ ރަށުން އެނބުރި މާލެ ނާދެވިފައި ތިބި މީހުންގެ މައުލޫމާތު ހިއްސާކުރަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.
ސިޓީ ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް އެލްޖީއޭގެ ސީއީއޯ މުހައްމަދު ޝަފީގު މަހްމޫދު ސޮއިކުރެއްވައި މިއަދު ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ކޮވިޑާ ގުޅިގެން ޒަރޫރީ ބޭނުންތައް ފިޔަވައި އެހެނިހެން ދަތުރުތައް ކުރުން ހުއްޓާލާފައިވާތީ، މާލެއިން އެނބުރި ދިރިއުޅޭ ރަށަށް ނުދެވިފައި ނުވަތަ ރަށުން އެނބުރި މާލެ ނުދެވިފައި ތިބި މީހުންގެ މައުލޫމާތު ހޯދަން ބޭނުންވާ ކަމަށެވެ.
އެގޮތުން ހުރިހާ ސިޓީ އަދި ރަށެއްގައި ތިބި އެފަދަ މީހުންގެ މައުލޫމާތު ހޯދައި، މިރޭ ފޮނުވުމަށް އެދިފައިވެއެވެ. މައުލޫމާތު ފޮނުވުމަށް އެދިފައިވަނީ ޖެމްސް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށެވެ.
އެކަމާ ގުޅޭގޮތުން އެލްޖީއޭގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފު "ވަން" އަށް ވިދާޅުވީ، އެފަދަ މީހުންގެ މައުލޫމާތު އެއްކުރަން ބޭނުންވަނީ މިހާރު ކުރިމަތިވެފައި އޮތް ހާލަތު ދިގުދެމިގެންދާ ހާލަތެއްގައި ވެސް އެފަދަ މީހުންނާ މެދު އަމަލުކުރާނެ އުސޫލެއް ނިންމުމަށް ކަމަށެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ބޭސްފަރުވާއަށް މާލެ އައިސް ތިބި މީހުންނާއި ރިސޯޓްތަކުން މާލެ އައިސް ތިބި މީހުންގެ ތެރެއިން ލޮކްޑައުންއާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި މީހުންނަށް ސޯޝަލް ކައުންސިލުން އެހީތެރިކަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރުމަށްފަހު އެމީހުންނަށް އަނބުރާ ރަށަށް ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ވަގުތާއި ހާލަތަށް ބަލައި އިސްކަންދެވޭނީ ރައްކާތެރިކަމުގެ ފިޔަވަޅަށް ކަމަށް ވިދާޅުވިއެވެ.