އިތުރު ހަ ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސް، ކ. ގުރައިދޫ އާންމު ހާލަތަށް ގެނެސްފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު ބުނީ ކުރިން މޮނީޓަރިންގެ ހާލަތަށް ގެނެވުނު ކ. ގުރައިދޫގެ އިތުރުން ދެ ބޯޓެއް ވެސް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
"މިއަދު މިހާތަނަށް އައިއިރުގައި އިތުރު ބައެއް ރަށްރަށް އެބަހުރި މޮނީޓަރިންގެ ހާލަތަށް ގެނެވިފައި. މީގެ ތެރޭގައި މި ހިމެނެނީ ހދ. ކުމުންދޫ، ހދ. ހިރިމަރަދޫ، ބ. ކެންދޫ، ށ. ޅައިމަގު، ށ. ގޮއިދޫ، ކ. މާފުށި. ކުރިން މޮނީޓަރިންގައި ހުރި ބައެއް ތަންތަން މިހާރު މިވަނީ މޮނީޓަރިންގެ ހާލަތުން އާންމު ހާލަތަށް ގެނެވިފައި. މީގެ ތެރޭގައި މި ހިމެނެނީ ދުރު ރާސްތާ 8 ބޯޓު، ނޫފަރު އެކްސްޕްރެސް އަދި ކ. ގުރައިދޫ،" އޭނާ ވިދާޅުވިއެވެ.
މިހާރު މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްތަކަކީ ހއ. ދިއްދޫ، ހއ. އުތީމު، ށ. މާއުނގޫދޫ، ށ. ފީވަށް، ށ. މިލަންދޫ، ށ. ފުނަދޫ، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ، ނ. ހެނބަދޫ، ނ. ކެނދިކުޅުދޫ، ނ. މިލަދޫ، ނ. މާފަރު، ނ. ހޮޅުދޫ، ހއ. އުލިގަމު، ތުޅާގިރި އައިލެންޑް ރިސޯޓް، ކ. ކުޑަ ވިލިނގިލި، ކ. ތުލުސްދޫ، ބ. ފުޅަދޫ އަދި މާލެ ސިޓީއެވެ. އޭގެ އިތުރުން އަމާޒު ބޯޓާއި ކާވިޔާ ބޯޓު ވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.
ށ.، ނ.، ހއ. އަދި ހދ. އަތޮޅުގެ ބައެއް ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އަމާޒު ބޯޓުގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. މިމަހުގެ 15 ވަނަ ދުވަހު އަމާޒު ބޯޓުން ދަތުރުކުރި މީހުން ވަނީ އެ ރަށްތަކަށް ގޮސްފައެވެ.