ޚަބަރު

ކޮވިޑުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ރާއްޖެއިން ރަޝިއާގެ އެހީއަށް އެދިއްޖެ

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯފްއަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ފޯނުން ގުޅުއްވައި، ކޮވިޑް 19 އާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދެބޭފުޅުން މިއަދު ދެއްކެވި ވާހަކަފުޅުގައި ކޮވިޑް 19 އިން ލިބޭނެ ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ރަޝިއާގެ އެހީތެރިކަމަށް އެދިވަޑައިގެންފައިވާ ކަމަށާއި އަދި މިވަގުތު ރަޝިއާގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތާ ބެހޭގޮތުން ދެ ވަޒީރުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

އޭގެ އިތުރުން ދެ ގައުމުން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭގޮތުންނާއި، ދެގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ކޮވިޑް-19ގެ ސަބަބުން ދެގައުމަށް މާލީ އަދި އިގުތިސާދީ ގޮތުން ކުރިމަތިވާނެ ގޮންޖެހުންތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮރޯނާވައިރަސްއާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ދެގައުމު ގުޅިގެން މަސައްކަތްތަކެއް ކުރުމަށްވެސް ދެ ވަޒީރުން މަޝްވަރާކުރެއްވި ކަމަށެވެ.