ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުނި މެނޭޖްކުރުމުގެ އެންމެ ކުރު މަގަކީ އެއީ އުފެދެން ޖެހިގެން ނޫނީ ނުއުފެދޭ އެއްޗެއް ކަމުގައި ހެދުން: ރައީސް

ކުނި މެނޭޖް ކުރުމުގެ އެންމެ ކުރު މަގަކީ ކުންޏަކީ ކޮންމެހެން އުފެދެން ޖެހިގެން ނޫނީ ނުއުފެދޭ އެެއްޗެއް ކަމުގައި ހެދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މުޅި ރާއްޖޭގައި ކުރިޔަށް ގެންދާ ސާފުކުރުމުގެ ހަރަކާތް މިއަދު ފައްޓަވައިދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ކުނި ނައްތައިލުމަކީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ދިމާވެފައިވާ ވަރަށް ބޮޑު އިޖުތިމާއީ މައްސަލައެއް ކަމަށެވެ. ކޮންމެ މައްސަލައެއްގެ ވެސް ހައްލު ފެށިގެން އަންނަނީ ފަރުދުންގެ ކިބައިން ކަމަށް ވާތީ މި ކަމުގައި ވެސް ފަރުދީ ޒިންމާގެ ދައުރު ވަރަށް ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގޮނޑުދޮށް ތަކާއި ކނޑުފަޅު ތަކާއި ފަރުތަކަށް ކުނި ބޭރުވަމުން ދަނީ ރަށު ތެރޭގައި އުފެދޭ ކުނި ރައްކާތެރިކަމާ އެކު ނައްތާލެވޭނެ ނިޒާމެއް ގާއިމުވެފައި ނެތުމުން ކަމަށާއި ކޮންމެ ރަށަކަށް ވެސް އެފަދަ ނިޒާމެއްގެ ބޭނުންތެރިކަން ޖެހިފައިވާ ކަމަށެވެ.

"ވެރިރަށް މާލޭގައި ވެސް އުފެދޭ ކުނީގެ ވަރަށް ބޮޑު އިންސައްތައަކީ އަޅުގަނޑުމެންގެ އަތްތަކުން މަގުތަކަށް އަޅާ ކުނި. ގުދުރަތީ ގޮތުން އުފެދޭ ކުންޏަށްވުރެ ގިނައިން މަގުތަކުން ފެންނަނީ އެކިބާވަތުގެ ހުސް ޕެކެޓު ތަކާއި ޕްލާސްޓިކް ފުޅިއާއި ކޮތަޅު ފަދަ އެއްޗެތި." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ފަރުތަކުގެ ނިޒާމަކީ ދުނިޔޭގެ ހަތް ވަނައަށް އެންމެ ބޮޑު ފަރުތަކުގެ ނިޒާމު ކަމަށާއި އެއީ ކަނޑުގެ އެތައް ދިރުންތަކެއްގެ ގެދޮރުވެސްމެ ކަމަށެވެ. އެހެން ކަމުން އަޅުގަނޑުމެން މިއަދު މިފެށީ މި މުއްސަނދި ފެށި އަންނަނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ މުހިންމު މަސައްކަތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ތިމާވެށީގެ ނުރައްކާތެރިކަމުން މިދުނިޔެ ސަލާމަތްކުރަން ކުރާ މަސައްކަތުގައި ޖަޒީރާ ގައުމެއްގެ ލީޑަރެއްގެ ގޮތުގައި މިރާއްޖެއަށް ދެމިއޮވެވޭނީ ވެސް ސާފިތާހިރުކަން މަތީ މިރާއްޖެ ބާއްވައިގެން." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ ދިވެހީންގެ ކިބައިގައި ކުރީއްސުރެ ހުރި ސާފުތާހިރުކަމުގެ ސިފަ އަލުން އަށަގެންނެވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ކެބިނެޓު މިނިސްޓަރުންނާއި އެކި މުއައްސަސާތަކުގެ ވެރީންނާއި މުވައްޒަފުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވި އެވެ.