އިބްރާހިމް ޒަކީ
ރާއްޖޭގައި މި ވަގުތު 50 އަށްވުރެ ގިނަ ގައުމުގެ ފަތުރުވެރީން ލޮކްޑަައުންގެ ސަބަބުން ތާށިވެފައި އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި 50 ގައުމަށް ވުރެ ގިނަ ގައުމުތަކުގެ ފަތުރުވެރިން ރާއްޖޭގައި މަޑުކޮށްފައި މިވަގުތު އެބަ ތިބި ކަމަށެވެ.
އެމީހުން ތިބީ ޑްރީމް އައިލެންޑުގައި ކަމަށާއި ސަރުކާރުން ހާރިޖީ ވުޒާރާ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިސްޓު ޕޮލިހުން ގުޅިގެން އެ ފަތުރުވެރިންގެ ކަންތައް ބަލަހައްޓަމުންގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ އެންމެންގެ ހާލު ރަނގަޅުކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ އެއެންމެންވެސް އެމީހުންގެ ގައުމުތަކުގެ ފްލައިޓްތަކުގައި ފޮނުވާލުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގައި ތިބި ފަތުރުވެރިން އެމީހުންގެ ގައުމުތަކަށް ބަލައި އަންނަ ފްލައިޓުތަކުގައި ރާއްޖެ ނާދެވިފައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.