ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ރައްޔިތުން މިތިބީ މަރުގެ ތުންފަތްމަތީގައި، މީ މުގުރިހައިގެ ވާހަކަ ދައްކަން ތިބެންޖެހޭ ހާލަތެއްނޫން: އަލީ ވަހީދު

3

ރައްޔިތުން މިތިބީ މަރުގެ ތުންފަތްމަތީގައި ކަމަށާއި މީ މުގުރިހައިގެ ވާހަކަދައްކަން 24 ގަޑިއިރު ތިބެން ޖެހޭ ހާލަތެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެ ކޮވިޑް 19ގެ ހާލަތު މިވަގުތު މިއޮތީ އެންމެ ނުރައްކާތެރި ހާލަތަށް އައިސްފައި ކަމަށާއި މިއީ ކާން ލިބުނު އެއްޗަކާމެދު ޝަކުވާކުރަންވީ ވަގުތު ނޫން ކަމަށެވެ.

"އަޅުގަނޑު ދޭ އިލްތިމާސަކީ ޕޮޒިޓިވްކޮށް މިކަމުގައި ތިބެން. ހަގީގަތުގައި މިއަދު ރާއްޖެ މިއޮތް ހާލަތަކީ މުގުރިހައެއްގެ ކަމެއްގައި 24 ގަޑިއިރު ހޭދަކޮށްލަންޖެހޭވަރުގެ ހާލަތެއް ނޫން. އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން ބަޔަކު މަރުގެ ތުންފަތްމައްޗަށް ހުށަހެޅިދާނެ ހާލަތެއް މިއޮތީ. ފްރަންޓްލައިންގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން އެމީހުން އަނބިދަރިންނާ ވަކިވެގެން ހިނގައިދާނެ ހާލަތެއް މިއޮތީ ދިމަވެފައި،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު މިހެން ވިދާޅުވިއިރު ރިސޯޓް ކޮޓަރިތަކުގައި ކަރަންޓީނުގައި ބައިތިއްބާފައި ތިބޭ ބައެއް ދިވެހިންނަށް ލިބުނު ކާއެއްޗިއްސާމެދު ހިތްހަމަނުޖެހި ދަނީ ޝަކުވާ ކުރަމުންނެވެ.

މި ހާލަތުގައި ވެސް ރާއްޖޭގެ ގިނަ ރައްޔިތުންނަކީ ވަރަށް ކެތްތެރި އަދި އިހުލާސްތެރި ބައެއްކަން ފާހަގަކުރައްވާ މިނިސްޓަރު އަލީ ވަހީދު ވަނީ، މިހާލަތުން އަރައިގަތުމަށް އެކަކު އަނެކަކަށް އެއްބާރުލުން ދިނުމަށް ގޮވާލައިފައެވެ.

"ކޮންމެ މީހަކު މިވަގުތު މަސައްކަތް ކުރަންވީ ރައްޔިތުންނަށްޓަކައި ގައުމަށްޓަކައި ކޮށްދެވޭނީ ކޮންކަމެއްތޯ. އެކަމަކީ ހިތްވަރުކޮށް މަސައްކަތުގައި ތިބި މީހުންނާއެކު އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު މަސައްކަތްކުރުން. ބަލިމަޑުކަމުން ސަލާމަތްކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟