އަލީ ޔާމިން
މިހާރު ރާއްޖޭގައި މި އޮތީ ބަހާރު މޫސުމެއް ނޫން ކަމަށާއި ސަރުކާރުން މަސައްކަތްކުރަނީ ދެވެން އޮތް އެންމެ ރަނގަޅު ހިދުމަތެއް ދޭން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގައި މިއޮތީ އުނދަގޫ ހާލަތެއް ކަމަށާއި، އެހެންނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެންމެ ރަނގަޅު ފިޔަވަޅުތައް އަޅައި އެންމެ ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.
"މިއަދު މިއޮތީ ދިވެހި ރާއްޖޭގައި ބަހާރު މޫސުމެއް ނޫން އައިސްފައި. މިއަދު މިއޮތީ އަޅުގަނޑުމެންނަށް ދަތި ހާލަތެއް. އެހެންކަމުން މި ހާލަތުގައި އަޅުގަނޑުމެން މިދަނީ އަޅުގަނޑުމެންނަށް ނެގޭނެ އެންމެ ރަނގަޅު ފިޔަވަޅުތައް އަޅަމުން. އަދި ކަމެއް އިސްލާހުކުރުމުގައިވެސް ކުރަން ޖެހޭ ކަންކަން އަޅުގަނޑުމެން ކުރާނަން،" އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މިއީ "މުގުރިހަ"ގެ ބަހުސްގައި މުޅި ދުވަސް ހޭދަކުރަން ވީ ވަގުތު ނޫން ކަމަށާއި މިއީ ބްރައުން ބްރެޑްގެ ބަދަލުގައި ވައިޓް ބްރެޑެެއް ލިބުމުން އެކަމުގެ ކަންބޮޑުވުން ސަރުކާރަށް އަމާޒުކުރަންވީ ވަގުތުވެސް ނޫން ކަމަށެވެ. އަދި މިވަގުތަކީ ކެތްތެރިކަމާއެކު ރައްޔިތުން ތިބެން ޖެހޭ ވަގުތު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރާއްޖެ މިހާރު މިއޮތީ ބަލީގެ އެންމެ ނުރައްކާތެރި ހާލަތުގައި ކަމަށާއި، މިހާލަތުން އަރައިގަނެ ރައްޔިތުން ސަލާމަތްކުރުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ފާޑުކިޔުންތައް ހުރި ނަމަވެސް ސަރުކާރުން އަޅާނެ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުން އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.