އިބްރާހިމް ޒަކީ
ރަނގަޅަށް ބަލައިފި ނަމަ ކަރަންޓީީީނު އަދި އައިސޮލޭޝަން ފެސިލިޓީތަކުން އެތަންތަނުގެ ވެރިފަރާތްތަކަށް އެއްވެސް ފައިދާއެއް ނުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކަރަންޓީން ފެސިލިޓީތަކަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހަމަޖައްސާފައިވަނީ ކޮޓަރިއަކަށް 650 ރުފިޔާ ކަމަށެވެ. އެއީ ކެއުމާއި ހުރިހާ ކަމަކަށް ކަމަށާއި އޭގެ ބައެއް ކޮތަރިތަކުގައި ދެމީހުންވެސް ތިބޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެފަރާތްތަކަށް މިލިޔަނުން ފައިސާ ލިބޭކަމަށް ސޯޝަލް މީޑިއާގައި ބުނަމުންދިޔަ ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށެވެ. އަދި އެކަމުގެ ހިސާބުތައް ސާފުކޮށް އެންޑީއެމްއޭއިން ހާމަކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިހާލަތުގައި ކަރަންޓީން ފެސިލިތީތަކުގެ ގޮތުގައި ރިސޯޓުތައް ސަރުކާތަށް ނަގާފައިވަނީ، ރިސޯޓުތަކުގެ ވެރިންނާ އޮންނަ ލީސް އެގްރީމެންޓްގެ ދަށުން، އެޓާނީ ޖެނެރަލް (އޭޖީ)ގެ ލަފާގެ މަތިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ސަސްޕެންޑް ކުރަނީ ލީސް، އެކަން މިކުރަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން، ލީސް ސަސްޕެންޑްކުރަން ކޮންޓްރެކްޓްގައި އޮންނަ މާއްދާތައް އެކްޓިވޭޓްކޮށްގެން، އެކަމަށް ގާނޫނީ ލަފާ ދެއްވަނީ ދައުލަތުގެ ބަންޑާރަނައިބު،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެގޮތަށް ރިސޯޓްތައް ނެގުމުން އެ މުއްދަތުގައި ކުލިވެސް ނުހިނގައި ހުންނާނީ ހުއްޓިފައި ކަމަށާއި ރާއްޖޭގައި 150 ރިސޯޓް އޮތްއިރު ފެސިލިޓީތަކުގެ ގޮތުގައި 16 އަށް ވުރެ ގިނަ ރިސޯޓު ނަގާފައިވާ ކަމަށެވެ.