ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19ގެ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ބޮޓެއް ހެލްތު މިނިސްޓްރީން ތައާރަފްކޮށްފިއެވެ.
ކޮވިޑް 19ގެ މައުލޫމާތު ފޯރުކޮށްދިނުމަށް ތައާރަފު ކުރި ވައިބާ ބޮޓުން ކޮވިޑް 19އަކީ ކޮބާ ކަމާއި، ކޮވިޑް 19އިން ރައްކާތެރިވުމަށް ކުރެވޭނެ ކަންތައްތަކާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި ކޮވިޑް 19ގެ ކަންކަމުގައި ގުޅަން ޖެހޭ އެހެނިހެން އިދާރާތަކުގެ މައުލޫމާތާއި، ކޮންމެ ގެއެއްގެ މައުލޫމާތު ރަޖިސްޓްރީ ކުރުމާއި، ކޮވިޑާ ގުޅުންހުރި އެކިއެކި ސުވާލުތަކަށް އެ ބޮޓު މެދުވެރިކޮށް ޖަވާބު ލިބިގެންދާނެއެވެ.
އެޗްޕީއޭ އިން ބުނީ https://chats.viber.com/govmv މެދުވެރިކޮށް އެ ބޮޓަށް ސްބްސްކްރައިބް ކުރެވޭނެ ކަމަށެވެ. އެގޮތުން މިހާތަނަށް 22،000 ވުރެ ގިނަ މީހުން އެ ބޮޓުގެ ބޭނުން ކުރެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)އިން މީގެ ކުރިން ބުނެފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަސޭހަކުރުމުގެ ގޮތުން ކޮންޓެކްޓް ޓްރޭސިން އެޕްލިކޭޝަނެއް އުފެއްދުމުގެ މަސައްކަތްވެސް ޓެކްނިކަލް ޓީމުން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ އެޕްލިކޭޝަން ލޯންޗުކުރެވޭނެ ތާރީހެއް ބުނެފައެއް ނުވެއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި މިހާރުވެސް ކޮންޓެކްޓް ޓްރޭސިން އެޕްލިކޭޝަންތައް ބޭނުންކުރެއެވެ.