ހާލަތުން އަރައިގަނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މިއީ ހަނގުރާމައިގަ ހާލަތެއް ކަމަށާއި ދިވެހިން ހަނގުރާމަކުރަމުން މިދަނީ ވައިރަހަކާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ހާލަތު ނުރައްކާތެރި ހާލަތަކަށް އައިސްފައިވާއިރު އައިސޮލޭޝަނަށް މީހުން ގެންގޮސް، ގޭގައި ކަރަންޓީނުކުރަން ޖެހުނު ނަމަވެސް ހުރިހާ ރައްޔިތުންނަށް އަޅާލައި ބަލިން ސަލާމަތްވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.
އެގޮތުން ކޮންމެ ކަހަލަ ފާޑުކިޔުމެއް އަމާޒުވި ނަމަވެސް މިބަލިން ރާއްޖެ ރައްކާތެރިކުރުމަށްޓަކައި އެވަގުތު އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މުޅި ސަރުކާރާއި ތަންފީޒީ އިދާރާތަކާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންނާއި ފުލުހުންނާއި ސިފައިން އަޅަމުން ގެންދާނެ ކަމަށް ވެސް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
"ތިބޭފުޅުން ކަންބޮޑުވެވަޑައި ނުގަންނަވާ. އިރުޝާދުތަކާއެކު ގޭގައި ތިއްބަވާ. މިހާރު މިއޮތީ އެންމެ ނުރައްކާތެރި ހާލަތު އައިސްފައި. ﷲ އިރާދަކުރެއްވިއްޔާ މި ހާލަތާ ކުރިމަތިލައި އަޅުގަނޑުމެން މިބަލިން ރާއްޖެ ސަލާމަތްކޮށް މިކަން ކާމިޔާބު ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މި ހާލަތުނިމި ދެން ފެށިގެންދާނީ އާންމު ހާލަތަކަށް ދިއުމުގެ ހަރުފަތް ކަމަށާއި އެހާލަތުގައި ފަތުރުވެރިކަން ފެށުމަށް މިހާރުވެސް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އޮން އެރަވައިލް ވިސާ ދޫކުރާނެ ގޮތްތަކާއި ރައްކާތެރިކަމާއެކު ފަތުރުވެރިން ރާއްޖެ ގެންނާނީ ކިހިނެތް ކަމާއި ބޭނުންކުރާނީ ކޮން އެއާޕޯޓްތަކެއް ކަމާއި އެ އެއާޕޯޓްތަކުގައި ހުންނާނެ މިންގަނޑުތަކަކީ ކޮބައިކަން ނިންމުމުގެ މަސައްކަތް ވެސް ސަރުކާރުން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.