މާލޭގައި ކޮވިޑު އެބަ އޮތް ކަމަށާއި ގެއިން ބޭރަށް ނިކުންނަ ކޮންމެ މީހަކު އެނަގަނީ ރިސްކެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މިވަގުތު މާލޭގައި ގެއިން ބޭރަށް ނުކުތުމަކީ ރިސްކެއް ކަމަށާއި އެހެންކަމުން އިލްތިމާސަކީ މާލެއިން ގެއިން ބޭރަށް ނުނިކުތުން ކަމަށެވެ. އަދި ޑެލިވަރީ ހިފައިގެން މީހަކު ދިޔަޔަސް ރައްކާތެރިކަމާއެކު މުއާމަލާތް ކުރުމަށާއި ގެއަށް ވައްދާ ކާބޯތަކެއްޗާމެދު ވެސް ސާފުތާހިރުކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށް ވިދާޅުވިއެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ، ހުރި ވަސީލަތްތަކާއި ބަޖެޓަށް ބަލާއިރު ކޮވިޑާ ދެކޮޅަށް ރާއްޖެ މިއޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. އެގޮތުން ތިން މަސް ދުވަސް ވަންދެން ބޮޑު ބަލިމަޑުކަމަކަށް ނުގޮސް ބަލި ކޮންޓްރޯލް ކުރުމަކީ އޭގެ މިސާލެއް ކަމަށް ވިދާޅުވިއެވެ.
ނަމަވެސް މިއަދު މިއޮތީ ނުރައްކާތެރި ހާލަތަކަށް އައިސްފައިވާ ކަމަށާއި މި ހާލަތުން އަރައިގަތުމަށް ފުލުހުންނާއި ސިފައިން އަދި ޑޮކްޓަރުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ހުރިހާ އެންމެން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ، ކޮންމެ ހާލަތަކަށް ދިިޔަކަމުގައި ވިޔަސް ހާލަތު މެނޭޖްކުރުމުގެ ގާބިލުކަން ރާއްޖޭގައި އެބަ އޮތް ކަމަށެވެ.
އެހެންކަމުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އިތުބާރުކޮށްގެން ކެތްތެރިކަމާއެކު ސިއްހީ އިދާރާތަކުގެ އިރުޝާދުތަކަށް ބޯލަނބައިގެން ތިއްބެވުމަށް މިނިސްޓަރު އަލީ ވަހީދު އެދިވަޑައިގަތެވެ.