ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

މިވަގުތު މާލޭން އެހެން ރަށަކަށް ދިއުމަކީ އެންމެ ނުރައްކާތެރި ކަންތައް: ޓޫރިޒަމް މިނިސްޓަރު

މިވަގުތު މާލޭން އެހެން ރަށަކަށް ދިއުމަކީ އެންމެ ނުރައްކާތެރި ކަންތައް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މިވަގުތު މާލެއިން އެހެން ރަށަކަށް ދިއުމަކީ އެންމެ ނުރައްކާތެރި ކަންތައް ކަމަށެވެ.

ނަމަވެސް ދަތުރުވެރިއެއްގައި ނުވަތަ އެހެންވެސް ކަމެއްގައި ރަށަކަށް ގޮސް ހުއްޓައި، މާލެ ސަރަހައްދަށް އިއުލާންކުރި ލޮކްޑައުންއާ ގުޅިގެން އެރަށެއްގައި ތާށިވެފައި ތިބި މީހުންނަށް ފުލުހުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުސޫލެއްގެ ދަށުން ހުއްދަ ދޫކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް އިލްތިމާސްކުރަން މިވަގުތު ތިބޭފުޅުންގެ ރަށްރަށުގައި ތިއްބެވި ލޯބިވާ އާއިލާތަކާއި ގާތްތިމާގެ މީހުންނަށް ވެސް ތިބޭފުޅުންނަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ މާލެއިން ރަށެއް ނުދިއުން. މާލެ ކޮންޓްރޯލް ކުރެވި، މާލެ އަމާންތަނަކަށް ހެދުމުން ނޫނީ މާލެއިން ރަށުން ބޭރަށް ދަންޔާމުން އެއީ ވައިރަސް އެހެން ރަށަކަށް ގެންދިއުމަށް ހުށަހެޅޭ ފުރުސަތެއް،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ބޭސްފަރުވާއަށް މާލެ އައިސްތިބި މީހުންނާއި ރިސޯޓްތަކުން މާލެ އައިސްތިބި މީހުންގެ ތެރެއިން ލޮކްޑައުންއާ ގުޅިގެން މާލޭގައި ތާށިވެފައި ތިބި މީހުންނަށްސޯޝަލް ކައުންސިލުން އެހީތެރިކަމުން އަންނަ ކަމަށެވެ.

އޭގެ އިތުރުން ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރުމަށްފަހު އެމީހުންނަށް އަނބުރާ ރަށަށް ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ވަގުތާއި ހާލަތަށް ބަލައި އިސްކަންދެވޭނީ ރައްކާތެރިކަމުގެ ފިޔަވަޅަށް ކަމަށް ވިދާޅުވިއެވެ.

"ވަރަށް ދަތި ހާލަތުގައި ތިއްބެވިކަން ގަބޫލުކުރަން. މިފަދަ ފަރާތްތަކަށް ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރުމަށްފަހުގައި ނަމަވެސް އަނބުރާ ރަށަށް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ ކަންތައް އަޅުގަނޑުމެން އެބަ ރާވަން،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.