ރާއްޖޭން ބޭރުގައި ދަތި ހާލުގައި ތިބި މީހުން ގެނެސް ބައިތިއްބަން އިތުރު އެއް ރަށް ކަނޑައަޅައިފި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މާލޭގައި ބަލި ފެތުރެން ފެށުމުން ރާއްޖެއަށް އަނބުރާ ނާދެވި ރާއްޖޭން ބޭރުގައި ތާށިވެފައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށެވެ.
ނަމަވެސް ރާއްޖޭގައި ތިބި ބިދޭސީން ބަލާ އަންނަ އަންނަ ފްލައިޓުތަކުގައި އެގައުމެއްގައި ތިބި ދިވެހިން ގެނައުމަށް ފޮރިން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި އެމީހުން ބޭތިއްބުމަށް އިތުރު ރަށެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް އެއީ ކޮން ރަށެއް ކަމެއް ވިދާޅެއްނުވެއެވެ.
މިނިސްޓަރު އަލީ ވިދާޅުވި ގޮތުގައި، ޕޮޒިޓިވްވަމުން އަންނަ މީހުންގެ އަދަދު އިތުރުވަމުންދާއިރު އެ މީހުން ކަރަންޓީނު ކުރުމަށާއި އައިސޮލޭޓް ކުރުމަށް ތަންތަން ވަނީ ހަމަޖެހިފައެވެ. އެގޮތުން ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި މިވަގުތު 16 ރިސޯޓެއްގައި 1800 ކޮޓަރި ބޭނުން ކުރަން ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ކަރަންޓީން ފެސިލިޓީތަކުގައި މިވަގުތު 1210 މީހުން އެބަ ތިއްބެވެ. އަދި 214 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. ސަރުކާރުން ކުރިން ހާމަކޮށްފައިވާ ގޮތުން ކަރަންޓީން ފެސިލިޓީތަކުގައި ހުންނަ ކޮންމެ ކޮޓަރިއަކަށް، އެކޮޓަރިއެއް ބޭނުންކުރާ ކޮންމެ ދުވަހަކަށް 750 ރުފިޔާ ހަރަދުކުރާނެއެވެ. އެއީ އެތަނެއްގައި ހުންނަ މީހެއްގެ ކެއުމާއި އެހެނިހެން ވެސް ހިދުމަތްތަކަށް ހަރަދުކުރާ ފައިސާއެވެ.