ކުރިއަށް މިއޮތް ހަފުތާއެއްހާ ދުވަސް ތެރޭގައި އެތައް ސަތޭކަ ބިދޭސީންނެއް މާލެއިން ބޭރުކުރެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ބިދޭސީން ރާއްޖެ ގެނެސް މަސައްކަތްކުރުވާ މީހުންނަށް އެމީހުން ނިދަނީ ކޮންތަނެއްގައިކަން ވެސް ގިނަ ފަހަރަށް ނޭނގޭ ކަމަށެވެ.
އެހެންކަމުން މާލޭގައި އެގޮތަށް އުޅޭ ބިދޭސީންނަށް ގުޅީފަޅާއި ވިލިވަރު އަދި ހުޅުމާލޭގައި އެކޮމަޑޭޝަން ފެސިލިޓީތަކެއް ހަދައި، އެތަންތަނަށް އެމީހުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކުރިއަށްދާނެ ކަމަށް މިނިސްޓަރު އަލީ ވިދާޅުވިއެވެ.
"މިކުރާ ކުރުމުގައި ވެސް އިންސާނީ ހައްގަށް އަދި އެމީހުންގެ ހައްގަށް ކަށަވަރުވާނެކަން ޔަގީންކުރާނަން. އަދި މިހާރު މާލޭގައި ﷲ އިރާދަކުރެއްވިއްޔާ އެމީހުން ދިރިއުޅޭ ހާލަތަށްވުރެ ރަނގަޅު ހާލަތެއްގައި އެމީހުންނަށް ކަންތައް ކުރެވޭތޯ މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
މާލޭގައި ބަލި ފެތުރެން ފަށައި ގިނަ އަދަދެއްގެ ބިދޭސީންނަށް ވެސް ބަލި ޖެހިފައިވާއިރު ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލޭގައި ތޮއްޖެހިފައިވާ ތަންތަނުގައި ތިބި ބިދޭސީން ވަގުތީ ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
އެގޮތުން އޭގެ ތެރެއިން ބައެއް ތަންތަނުގައި ތިބި ބިދޭސީން ސަން ސިޔާމް އިރުފުށި ރިސޯޓަށާއި ކުޑަބަނޑޮހަށް ބަދަލުކޮށްފައިވާއިރު ހުޅުމާލެ ފޭސް ދޭއްގައި ހަދާފައި ހުންނަ އަމީން އެވެނިއުގެ އެކޮމަޑޭޝަނަށް ވެސް ބައެއް ބިދޭސީން ވަނީ ގެންގޮސްފައެވެ.
އޭގެ އިތުރުން 837 މީހުން ދިރިއުޅޭ 18 ތަނެއް ފުލުހުން މިހާރު ވެސް ދަނީ މޮނީޓާ ކުރަމުން އަންނައިރު 600 ނުވަތަ 700އިގެ ޖާގައިގެ ލޭބާ އެކަމަޑޭޝަން ޔުނިޓްތަކެއްގެ މަސައްކަތް ހައުޑިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންނަނީ ކުރަމުންނެވެ.