ޑައިރެކްޓް ކޮންޓެކްޓުވި ބައެއް ވަޒީރުން ވެސް މި ވަގުތު ތިއްބެވީ އައިސޮލޭޝަނުގައި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވް ވި ބައެއް މީހުންނާ ޑައިރެކްޓް ކޮންޓެކްޓުވި ބައެއް ވަޒީރުން ހޯމް އައިސޮލޭޝަންގައި މިވަގުތުވެސް އެބަތިއްބެވި ކަމަށެވެ. ނަމަވެސް އެއީ ކޮން ވަޒީރުންނެއްތޯ އަދި ހޯމް އައިސޮލޭޝަންގައި ތިބީ ކިތައް ވަޒީރުންކަމެއް މިނިސްޓަރު ވިދާޅުވެފައެއް ނުވެއެވެ.
"މިވަގުތު އެބަ ތިއްބެވި ބައެއް ވަޒީރުންވެސް އައިސޮލޭޝަންގައި. ފަސްޓް ޑައިރެކްޓް ކޮންޓެކްޓާ ގުޅިގެން މަސައްކަތަށް ނުކިނުމެވި ގޭގައި މަޑުކުރަން ޖެހިފައި" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ސަރުކާރުގެ އެންމެހާ ކަންކަމާއި ވަޒީރުންގެ މަޖިލީސް ތަރުތީބު ކުރައްވާފައިވަނީ އެންމެ ނުރައްކާތެރި ހާލަތުގައިވެސް މެނޭޖު ކުރެވޭ ގޮތަށް ކަމަށާއި، އެގޮތުން އެއް ވަޒީރަކު ބަލިވެއްޖެނަމަ އެހެން މީހަކު އެ މަސައްކަތުގައި ހުންނާނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، މިހާރު ބައްދަލުވެފައި މިވަނީ ކޮވިޑުގެ އެންމެ ނުރައްކާތެރި ހާލަތަށް ކަމަށާއި ސަރުކާރާއި، އެހެނިހެން ވުޒާރާތައް ގުޅިގެން މަސައްކަތް ކުރަމުން އަންނަނީ ރިކަވަރީ ހާލަތަކަށް ރާއްޖެ ގެންދިއުމަށް ކަމަށާއި، އެހެންކަމުން އެކަމުގައި ރައްޔިތުންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާނެ ކަމަށެވެ.