ޓޫރިޒަމް ދާއިރާއިން އިސްނަގައިގެން ގެންނަ ސަލާމަތީ 5000 ހެދުމާއި 20000 އެން95 މާސްކު އަންނަ މަހުގެ އެކެއްގެ ކުރީން ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް 19ގެ ނެޝަނަލް އިމަޖެންސީ ސެންޓަރުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެތަކެތި އަންނަ މެއި މަހުގެ އެއްވަނަ ދުވަހު ރާއްޖެއަށް އައުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ކޮވިޑާއި ގުޅިގެން ރާއްޖެއަށް ފެސިލިޓީ ބޭނުންވާ ކޮންމެ ހާލަތެއްގައި އެ ބޭނުންވާ ފެސިލީޓީ ގެނައުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19 އާ ގުޅޭ ގޮތުން ޑޮކްޓަރުންނާއި، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އެހާލަތަށް ބޭނުންވާ އިކުއިޕްމެންޓް ރާއްޖެ ގެނައުމަށް ސަރުކާރުން ކުރަން ޖެހޭ ހަރަދެއް ކުރުމުގެ ހުއްދަވެސް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާ ކަމަށެވެ.
އެގޮތުން ޓެސްޓް ކިޓްތަކާއި އެހެނިހެން ތަކެތިވެސް އެތަކެއްޗަށް އެންމެ ބޭނުންވާ ވަގުތު ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ކޮވިޑް 19 ގެ މި ހާލަތަށް ބަލައި ބަޖެޓާއި ވަސީލަތްތަކަށް ބަލާއިރު ރާއްޖެ ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާރު މިއޮތީ ކޮވިޑުގެ އެންމެ ނުރައްކާތެރި ހާލަތުގައި ކަމަށެވެ.