އަލީ ޔާމިން
ފްލޯޓިން ހޮސްޕިޓަލެއް ގެންނަން ޖެހޭ ހާލަތަކަށް ރާއްޖެ އަދި ނުދާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މީގެ ކުރިން މިނިސްޓަރު އަލީ ވަހީދު ވަނީ ކޮވިޑް 19ގެ އެންމެ ނުރައްކާތެރި ހާލަތުގައި ބޭރުން ފްލޯޓިން ހޮސްޕިޓަލެއް ގެންނަން ޖެހުނު ކަމުގައިވިޔަސް އެކަމަށްވެސް ދިވެހި ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެންއީއޯސީީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖެއަށް ފްލޯޓިން ހޮސްޕިޓަލެއް ގެންނަ ހިސާބަށް ރާއްޖޭގެ ކަންކަން ނުދާ ކަމަށާއި، ރާއްޖެއަށް ފްލޯޓިން ހޮސްޕިޓަލެއް ގެންނާނީ ރާއްޖޭގެ ދިފާއު ފޫއަޅައި ދިއުމުން ކަމަށެވެ.
"އަޅުގަނޑުމެން ވެއްޓުނީމަ އެހެން ބަޔަކު އަންނާނީ މި މަސައްކަތް ކުރަން. އެހެންކަމުން އަޅުގަނޑުމެން ބޭރުގެ އެހީތެރިކަމެއް ހޯދަން ޖެހޭ ހިސާބަކަށް އަދި ނުދޭ. އެންމެ ގޯސް ހާލަތު މިހާރު އައިސްފައި އެއޮތީ. ފްލޯޓިން ހޮސްޕިޓަލެއް ގެންނަން ޖެހޭ ހާލަތު އަންނާނީ އަޅުގަނޑުމެންގެ ދިފާއު ފޫއަޅައިގެން ދިޔައީމަ،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ކޮވިޑް 19ގެ ހާލަތު އެންމެ ނުރައްކާތެރި ހާލަތަށް ދިޔަ ނަމަވެސް އެ ހާލަތު މެނޭޖުކުރުމުގެ ގާބިލުކަން ދިވެހި ޑޮކްޓަރުންނާއި، ނަރުހުންނާއި ދިވެހި ރާއްޖޭގައި ތިބި ސިފައިންނާއި ފުލުހުންނާއި މިކަމުގައި ތިބި މަސައްކަތްތެރީންގެ ހުރިކަން މިދިޔަ އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހުން ފެށިގެން ސާބިތުކޮށްދެމުން އަންނަ ކަމަށެވެ.
ކޮވިޑް 19ގެ ހާލަތުގައި އޮތީ ދެ ގޮތް ކަމަށާއި އެއީ ބަލި ޖެހިގެން މަރުވުން ނުވަތަ ބަލި ޖެހުމަށް ފަހު ރަނގަޅުވުން ކަމަށް ފާހަގަކުރައްވައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ބަލިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މޮޅުކަމަކީ ގޭގައި ތިބުން ކަމަށެވެ. އަދި ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ބޯލަބައިފިނަމަ މިހާލަތުން އަރައިގަނެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.