މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓް

ރިސޯޓުތަކުގައި ތާށިވެފައި ތިބި މުވައްޒަފުންނަށް އާއިލާ ކައިރިޔަށް ދެވޭނެ އިންތިޒާމު ހަމަޖައްސަނީ

ރިސޯޓުތަކުގައި ތާށިވެފައި ތިބި މުވައްޒަފުންނަށް އާއިލާ ކައިރިޔަށް ދެވޭނެ އިންތިޒާމު ކަމާ ގުޅޭ ދާއިރާތަކާ މަޝްވަރާކޮށްގެން ހަމަޖައްސަވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވީ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރިސޯޓުތަކުގައި ރަށަށް ނުދެވި ތިބި ސްޓާފުންނަށް މެނޭޖްމަންޓުތަކާއި ގުޅިގެން އެމީހުންގެ ރަށާއި ހަމައަށް ދެވުނުކަން ކަށަވަރު ކުރުމަށް ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަންކަން ސަރުކާރާއި ރިސޯޓުތައް ގުޅިގެން ހަމަޖައްސަމުން ގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް 19ގެ ކޭސްއެއް ފެނުމާއެކުވެސް އޭގެ އެންމެ ނޭދެވޭ އަސަރު ކުރީ ރިސޯޓު މުވައްޒަފުންނަށެވެ. ރާއްޖޭގައި ކޮވިޑް 19 ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުގެ ކުރިން ސަރުކާރުން ވަނީ ހުރިހާ ރިސޯޓުތަކެއް ލޮކްޑައުންގެ ހާލަތަށް ގެނެސް، ރިސޯޓުތަކަށް މީހުން އަރައި ފޭބުން މަނާ ކޮށްފައެވެ. އަދި އެންމެ ފަހު ފަތުރުވެރިޔާ ރިސޯޓުން ފައިބާތާ 14 ދުވަސް ނުވަނީސް އެއްވެސް މުވައްޒަފަކު ރިސޯޓުން ނުފޭބުމަށް އަންގާފައެވެ.

އޭގެ ފަހުން ބައެއް ރިސޯޓުތަކުގެ މުވައްޒަފުންނަށް އަނބުރާ ރަށަށް ދިއުމުގެ ހުއްދަ ދިން އިރު، އެފަދައިން ރަށަށް ދިއުމުގެ ހުއްދަ ލިބުނު ބައެއް މީހުން ތިބީ މާލެ ލޮކްޑައުން ވުމުން މާލޭގައި ތާށިވެފައެވެ. އަދި މުޅި ރާއްޖޭގައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާ ކުރުމުން ހުރިހާ ރިސޯޓެއްގެ މުވައްޒަފުން ތިބީ ރިސޯޓުތަކުގައި ތާށިވެފައެވެ.