ރާއްޖޭގެ 10 ރިސޯޓެއްގައި މި ވަގުތުވެސް ފަތުރުވެރީން އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމަވުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރާއްޖޭގައި މިހާރު ތިބި ފަތުރުވެރިން އަނބުރާ ގައުމަށް، އެގައުމުތަކުގެ ފްލައިޓުތަކުގައި، ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މި ފަތުރުވެރިން ބަލައި އަންނަ ފްލައިޓުތަކުގައި އެގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ބޭރުގައި ތާށިވެފައި ތިބި ދިވެހިންނަށް ރާއްޖެއަށް އާދެވޭނެ ގޮތްތައް ހަމަޖެއްސުން މަޑުޖެހިފައި އޮތީ ރާއްޖޭގައި ކޮވިޑް 19 ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމާއި ގުޅިގެން ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި 50އަށް ވުރެ ގިނަ ގައުމުތަކުގެ ފަތުރުވެރިން އަނބުރާ ގައުމަށް ނުދެވިފައި ތިބިކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ފޮރިން މިނިސްޓްރީ، ޓުއަރިޒަމް މިނިސްޓްރީ އަދި ޓޫރިސްޓު ޕޮލިހުން ގުޅިގެން މި ފަތުރުވެރިން ޑްރީމް އައިލެންޑުގައި ބައިތިއްބާފައިވާ ކަމަށެވެ. އަދި މިހާރު ޑްރީމް އައިލެންޑުގައި 187 ފަތުރުވެރިން އެބަތިބި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޑްރީމް އައިލެންޑުގައި ތިބި ފަތުރުވެރިންގެ ހާލަތު ރަނގަޅު ކަމަށާއި އެ ފަތުރުވެރިންގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.