ޚަބަރު

ރާއްޖޭގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން ގެންދިއުމަށް އިތުރު ދެ ފްލައިޓެއް

މަރިޔަމް ޝަހުދާ

ރާއްޖޭގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން ގެންދިއުމަށް އިތުރު ދެ ފްލައިޓެއް މި ހަފްތާގައި ބާއްވަން ނިންމައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި މިވަގުތު ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަދި އެހެނިހެން ފަސިންޖަރުން ގައުމަށް ގެންދިއުމަށް އަންނަ ބުދަ އަދި ބުރާސްފަތު ދުވަހު ފްލައިޓު އޮންނާނެ ކަމަށެވެ.

އެގޮތުން ރަސިއާ އެއާލައިންސްގެ ފްލައިޓެއް އަންނަ ބުދަ ދުވަހު އަދި ބުރާސްފަތި ދުވަހު އެއާ ކައިރޯގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރުމަށް ނިންމާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

ކޮވިޑް 19ގެ ސަބަބުން ރާއްޖެ ލޮކްޑައުންކޮށް، ރާއްޖޭގެ ވައިގެ ދަތުރުފަތުރުތައް ވަނީ ހުއްޓާލައިފައެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގައި ތިބި ފަތުރުވެރިން ވަނީ އަނބުރާ ގައުމަށް ދެވޭނެ ގޮތެއް ނެތިފައެވެ. ރާއްޖޭގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަނބުރާ ގައުމަށް ފޮނުވުމަށް ހާއްސަ ފްލައިޓުތަކެއް މިމަހުން ފެށިގެން އަންނަނީ ބާއްވަމުންނެވެ.

މި ދެ ފްލައިޓުން ފުރަން ބޭނުންވާ ފަތުރުވެރިންނާއި ބިދޭސީން އަމަލުކުރަންވީ ގޮތް މީގެ ކުރިން އަންގާފައިވާނެ ކަމަށް މިނިސްޓްރީގެ މި ބަޔާނުގައި ބުނެފައިވެއެވެ. އަދި ފޮރިން މިނިސްޓްރީ، ފުލުހުން އަދި ޓުއަރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއެކު އެއާޕޯޓަށް ދިއުމުގެ ކަންކަން ހަމަޖެއްސުމަށް މިނިސްޓްރީގެ މި ބަޔާނުގައި އެދިފައިވެއެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19 ޖެހިފައިވާ 214 މީހަކު ފެނިފައެވެ. އަދި ރާއްޖޭގައި ކޮވިޑް 19 ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމާ ގުޅިގެން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން މަނާކޮށް މުޅި ރާއްޖެ ވަނީ ލޮކްޑައުންކޮށްފައެވެ.