ލައިފް ސްޓައިލް

ރޭގަނޑު ނިދަން އަރައިއޮވެ މެސެޖު ކުރަންތަ؟ ލަނޑެއް ލިބިދާނެ

މުހައްމަދު އައުޒަމް

ނިދަން އޮންނައިރު ކައިރީގައި ފޯނު ބާއްވައިގެން ނިދުމަކީ ވަރަށް ނުރައްކާ ކަމެކެވެ. ނިދަމުން މެސެޖްކުރުމަކީވެސް ނުރައްކާތެރި ކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.

ވިލާނޯވާ ޔުނިވާސިޓީން ކުރި ދިރާސާއަކުން ދައްކާގޮތުން ނިދަން އަރައި އޮވެ އަދި ނިދުމުގެ ތެރޭގައި މެސެޖް ކުރެވި ހެނދުނު ހޭލެވޭއިރު މެސެޖް ކުރެވުނުކަން އަދި ކުރެވެނީ ކާކަށްކަންވެސް ހަނދާން ނެތެއެވެ. މިގޮތަށް ކުރެވޭ މެސެޖުގައި ލިޔެވުނީ ކޮންއެއްޗެކަން ވެސް ރޭކާލަނީ ހެނދުނު ހޭލައި ފޯނު ބަލައިލުމުންނެވެ.

މިދިރާސާކުރި ފަރާތުން ވަނީ ޔުނިވާސިޓީގައި ކިޔަވާ 372 ދަރިވަނުންގެ ނިދުމުގެ އާދަ ހުންނަ ގޮތް ބަލައިފައެވެ. އަދި މި ދިރާސާގައި ބައިވެރިވި ކުދިންގެ ފޯނު ޓްރެކްކޮށް ނިދުމުގެ ކޮލިޓީ ވެސް ބަލައިފައެވެ. މީގެ އިތުރުން މިކުދިންނާ ސުވާލުކޮށް ހަފުތާ ތެރޭގައި އަދި ހަފުތާ ބަންދުގައި ނިދުމުގެ މިންގަނޑު ގެންގުޅޭ ގޮތުގެ މައުލޫމާތުވެސް ނަގައިފައެވެ. އެކުދިންނާ ސުވާލުކޮށް ނިދަމުން ފޯނު ބާއްވަނީ ކޮންތާކުތޯވެސް ވަނީ ބަލައިފައެވެ.

ދިރާސާއިން ވަނީ 25.6 ޕަސެންޓު ކުދިން ނިދަމުން މެސެޖް ކުރާކަން ހާމަވެފައެވެ. އަދި މިކަމުގެ ސަބަބުން އެކުދިންގެ ނިދުމަށް އަސަރު ކުރާކަން ފާހަގަކުރެވިފައި ވެއެވެ.

ދިރާސާގައި ބައިވެރިވި ކުދިންގެ ތެރެއިން 72 ޕަސެންޓު ކުދިން ނިދަމުން މެސެޖް ކުރާކަން ހާމަވިއިރު އެކުދިން ނިދަމުން މެސްޖެ ކުރެވެނީ ކާކަށް ކަމެއް ހަނދާނެއްވެސް ނުހުރެއެވެ. އަދި ގިނަކުދިންނަށް މެސެޖް ކުރެވުނުކަން ވެސް ހަނދާނެއް ނުހުރެއެވެ.

ސްމާޓް ފޯނު ޓެކްނޮލޮޖީގެ ސަބަބުން ދިރިއުޅުން ފަސޭހަވެގެން ދިޔަނަމަވެސް އޭގެ ސަބަބުން ލިބޭ ގެއްލުންވެސް ވަރަށް ބޮޑުކަމަށް މިދިރާސާގައި ވަނީ ދައްކައިފައެވެ. ކޮލެޖް ދަރިވަރުންގެ ތެރެއިން ގިނަވެގެން ހަގަޑިއިރުގެ ނިދި ލިބެނީވެސް ވަރަށް މަދުބަޔަކަށް ކަން ވަނީ ހާމަވެފައެވެ.